Last Updated: July 15, 18:06
Thursday, July 16, 2026
ޚަބަރު

ޝަންގްރިއްލާ އޮޕަރޭޝަނަށް ގެންނަން 25 މިލިއަން ބޭނުންވޭ

އައްޑޫ ވިލިނގިލީގައި ހިންގި ޝަންގްރިއްލާ ރިސޯޓް

އައްޑޫގައި ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެންނަން 25 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި މިއަދު ބޭއްވި ޑެސްޓިނޭޝަން އައްޑޫ ސަމިޓުގައި ފައިސަލް ވިދާޅުވީ ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ކަމަށާއި ޝަންގްރިއްލާގެ މެނޭޖްމެންޓާއި އެކު ބޭއްވި ބައްދަލުވުމުން އެތަން ހުޅުވުމަށް ބޮޑެތި މަރާމާތުކުރަންޖެހޭކަން އެނގިގެންދިޔަ ކަމަށެވެ.

"ފަން ސަވީސް މިލިއަނެއްހާ ޑޮލަރު ހޭދަވާނެ ކަމެއް އެއީ. އެކަން ކުރުމަށް ޝަންގްރިއްލާގެ އޯނަރުންނާ ހަމައަށް ދިއުމަށް ނިންމައި، މީޓިން އަށް ދައުވަތު ދީފައިވާނެ،" ފައިސަލް ވިދާޅުވި އެވެ.

ޝަންގްރިއްލާ ހުއްޓިފައި އޮތުމުން އައްޑޫ ރައްޔިތުންނަށް 500އެއްހާ ވަޒީފާގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނެވުމާއެކު އައްޑޫގެ އިގްތިސާދުގަައި ދައުރުވާ ފައިސާ އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންދުކުރި ގޮތަށް އެ ރިސޯޓު މިހާތަނަށް ހުޅުވާފައެއް ނުވެ އެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ. ކުރީ ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފަ އެވެ.

ޝަންގްރިއްލާ ބަންކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވެ އެވެ.