Last Updated: July 26, 22:48
Saturday, July 26, 2025
ކުޅިވަރު

ލެވެންޑޯސްކީގެ ދެ ގޯލުން ބާސާ މޮޅުވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާގެ މައްޗަށް 2-1 އިން ބާސެލޯނާ ކުރި ހޯދައިފި އެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގެ 44 ވަނަ މިނެޓްގައި ހޫގޯ ޑޫރޯ ވަނީ ވެލެންސިއާ އަށް ލީޑު ނަގައިދީފަ އެވެ. ޑިއޭގޯ ލޮޕޭޒް ނަގައިދިން ހުރަހަކުން ޑޫރޯ މި ގޯލު ކާމިޔާބު ކުރީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލަށް އަމާޒުކޮށްލައިގެންނެވެ. މި ގޯލު ކާމިޔާބު ކުރިތާ އިރުކޮޅެއްފަހުން ލީޑު ފުޅާކޮށްލަން ޑޫރޯ އަށް ރަނުގެ ފުރުސަތެއް ލިބުނުއިރު، އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކުރީ ބާސާގެ ޒުވާން ޑިފެންޑަރު ޕައު ކުބާސީ އެވެ.

ބާސާ އިން ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭގަ އެވެ. ލަމީން ޔަމާލް ހުރަސްކޮށްލި ބޯޅައަކުން މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ރަފީނިއާ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ލެވެންޑޯސްކީ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މި ގޯލަށް ފަހު ވެސް ބާސާ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ފެރަން ޓޮރޭޒް ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕަރު މަތަކުރިއިރު އެޓީމުގެ ޒުވާން މިޑްފީލްޑަރު މާކް ކަސަޑޯ އޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ސްޕެނިޝް ލީގުގައި ބާސާ ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި އެތްލެޓިކް ބިލްބާއޯއާ އެވެ.