އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ މިސްރާބު މިހާރު ހުރީ ރަނގަޅަށް ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވެއްޖެ އެވެ.
ޑެސްޓިނޭޝަން ބްރޭންޑަކަށް އައްޑޫ ސިޓީ ހެދުމާ ގުޅޭ ގޮތުން އިއްޔެ ކުރިއަށްގެންދިޔަ "ޑެސްޓިނޭޝަން އައްޑޫ ސަމިޓް" ގައި ވާހަކަދައްކަމުން ސަލީމް ވިދާޅުވީ އައިއޭއެސް މިހާރު އޮތީ ގޯސް ހާލަތެއްގައި ނޫން ކަމަށާއި ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އައިއޭއެސް އަށް ކަންކަން ނުވާނެ ކަމާއި އެއީ ދެރަ ހާލަތެއްގައި އޮތް ކުންފުންޏެއް ކަމަށް ހީނުކުރުމަށާއި އައިއޭއެސްގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން ދެން، ކުންފުނި މިހާރު މިދަނީ ރަނގަޅު މިސްރާބުގައި ރަނގަޅަށް،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މިއަހަރުތެރޭ މޯލްޑިވިއަން އަށް ބައެއްގެ އަތުގައި ނުހިފައި އަމިއްލަ އަށް ފިރުކިފައި އުޅެވޭ ވަރުވީ އަދި ކިރިޔާ ކަމަށާއި މޯލްޑިވިއަން ވެސް މިހާރު ދަނީ ރަނގަޅު ދިމާލަކަށް ކަމަށެވެ. އެގޮތުން އަމާޒަކީ އަންނަ އަހަރު މޯލްޑިވިއަންގެ ފްލީޓް އޭޓީއޭރަށް މުޅިން ބަދަލުކުރުން ކަމަށާއި، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަކީ ފައިދާއެއްގައި ކުރާ ކަމަކަށް ނުވާއިރު، އުއްމީދަކީ ވީހާވެސް ގިނަ ޓޫރިސްޓުން އުފުލޭނެ ގޮތްވެ، ގިނަ ފްލައިޓްތައް އެޅޭނެ ގޮތްވުން ކަމަށް ސަލީމް ވިދާޅުވި އެވެ.
މޯލްޑިވިއަން މިހާރު ހިފަހައްޓާ އެއް ބަޔަކީ ޓޫރިސްޓުން ކަމަށާއި، ޓޫރިސްޓުން ރާއްޖޭގައި އުފުލަން ލިބުމަކީ ރަނގަޅު އެއާލައިނެއްގެ ގޮތުގައި ދެމި އޮތުމަށް މުހިއްމު ކަމެއްކަން ވެސް ސަލީމް ފާހަގަކުރެއްވި އެވެ. އަދި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތަށް އައިއޭއެސް އިން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ސަލީމް ވަނީ އަރުވާފަ އެވެ.