އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
މުއާޒް މިހެން ވިދާޅުވީ އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ފެނަކައިން ބުނީ މީގެ ދެހަފުތާ ކުރިން އެ ކުންފުނީގެ ބޯޑުން މީގެ ކުރިން އެކުންފުނިން ކުރިޔަށް ގެންދިޔަ އައިސްޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުތަކާއި، އެކުންފުނީގެ ދަށުގައިވާ އައިސްޕްލާންޓުތައް ހިންގުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.
ފެނަކައިން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެމަޝްރޫއުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުންދިއުމާއި، ކުންފުނީގައި އައިސް ޕްލާންޓް ހިންގުމުގެ ފަންނީ ޤާބިލުކަން ނެތުމާއި އަދި އެ މަސައްކަތަކީ ކުންފުނީގެ މޭންޑޭޓާއި ޚިލާފުވެސް މަސައްކަތަކަށްވުން ހިމެނޭތީ ކަމަށް ފެނަކަ އިން ބުނެ އެވެ.
އައިސް ޕްލާންޓްތަކުން އޮޕަރޭޝަނަލީ އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުން ވަމުން އައިސްފައިވާ ކަމަށާއި އަދި މިހާރުގެ މެނޭޖްމަންޓުން ނިންމާފައިވަނީ ކުންފުންޏަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ނުކުރަން ކަމަށްވާއިރު، އެގޮތުން އައިސް ޕްލާންޓްތައް އޮޕަރޭޓް ކުރުންވެސް ނިމުމަކަށް ގެނައީ ކަމަށް ފެނަކަ އިން މައުލޫމާތުދެ އެވެ.
ފެނަކައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ކުންފުނިން އަޅަމުން އަންނައިރު ފެނަކައިގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ދަރަނިތައް ޚަލާސްކޮށް ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދުން ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.