މީރުފެން އުފައްދާ ނިޒާމެއް ކަނޑު އަޑީގައި ގާއިމުކުރުމަށް ދިރާސާ ފެށުމަށް އެމްޑަބްލިއުއެސްސީން ނޯވޭގެ ފްލޯޝަން ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ ދިރާސާ ހަދަން ހަވާލު ކުރީ ނޯވޭގެ ކުންފުންޏެއް ކަމަށްވާ ފްލޯޝަންއާ އެވެ. ފްލޯޝަންގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލެގްޒަންޑާ ފުލެސަންގއެވެ. އަދި އެމްޑަބްލިއުއެސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެމްޑަބްލިއެސްސީން ބުނީ، މި ދިރާސާގައި ކަނޑު އަޑީގައި އާރްއޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ހޯދައި އެކަމަށް ބޭނުންވާ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން ފެންއުފެއްދުމާ ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، މި ދިރާސާގައި އެމްޑަބްލިޔުއެސްސީގެ މައިގަނޑު ދައުރަކަށްވާނީ މިކަމާ ގުޅުވައި މިހާރަށް ލިބެންހުރި މައޫލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުން ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހީތެރިވުމާއި ރާއްޖޭގައި މި ދިރާސާ ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައިވެ އެވެ.
މީގެއިތުރުން މި ދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާ ބެހޭ ސިޔާސަތުތަކުގެ އިތުރުން އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.