ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އަންނަ އަހަރުގެ މޭ މަހު ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 23 ފެށިގެން 31 ގެ ނިޔަލަށް ކަމަށެވެ.
މި މައުރަޒުގައި 81 ގިންތިއަކުން ވާދަކުރުމަށް ހުޅުވާލަން ހަމަޖެހިފައިވާއިރު، މައުރަޒުގައި ބައިވެރިވުމުގެ މުއްދަތާއި މައުރަޒުގައި ބައިވެރިވުމަށް އަމަލުކުރަންޖެހޭ ގޮތް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މައުރަޒުގައި ވާދަކުރުމުގެ ބައިގެ އިތުރުން ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓަކާއި، އެންޓެޓެއިންމަންޓް ޑިސްޓްރިކްޓަކާއި އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓެއް މައުރަޒުތެރޭ ހިމެނިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި އާ އީޖާދުތައް އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ އީޖާދުތައް ކުރާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން، ރިސާޗް ގްރާންޓް ފަންޑުން އެހީތެރިކަން ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ބައިނަލްއަގުވާމީ ބައިވެރިންނަށް މައުރަޒުގައި ބައިވެރިވުމަށް ފުރުސަތުދީ، އެކި ގައުމުތަކުގެ އީޖާދީ މަސައްކަތްތައް ބައިވެރިކުރުމުގެ ފުރުސަތު ވެސް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.