ޗައިނާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރަން، އަލީބާބާ ކުންފުނީގެ ދަށުން ހިންގާ ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ފްލިގީއާ އެކީ އެމްއެމްޕީއާރްސީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވިލާ ނޯޓިކާ ރިސޯޓުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ. ފްލިގީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޓޮންގް ޓެންގް އެވެ.
އެމްއެމްޕީއާރްސީން ބުނީ ފްލިގީ އާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކުރި މި މުހިންމު އެއްބަސްވުމުގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖެ އަކީ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށެވެ.
ފްލިގީ އަކީ ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.
އެމްއެމްޕީއާރުސީން ބުނީ މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރެވުމުގެ އިތުރުން، ޗުއްޓީ ހޭދަކުރަން ހިތްގައިމު ގުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، މުހިންމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެމްއެމްޕީއާރްސީން ދަނީ ދުނިޔޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓުތަކުގެ ރާއްޖޭއާ މެދު ޝައުގުވެރިކަން ދެމެހެއްޓުމަށާއި މަޤުބޫލުކަން އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއި، ޕާޓްނަރުންނާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންނަށް އަބަދުވެސް ވަރަށް ހާއްސަ މަންޒިލެއް ކަމަށްވާއިރު، މިއަހަރުގެ މިހާތަނަށް އެގައުމުން 184،632 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.