Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ގައުމީ ސަލާމަތަށް ގެންނަ އެއްޗެހިން ޑިއުޓީއެއް ނުނަގާނެ

ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް އުސޫލު އިސްލާހުކޮށްފި އެވެ.

ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް މި އިސްލާހު ގެނައީ އާދިއްތަ ދުވަހު އެވެ.

ކުރިން ގަވާއިދު އޮތް ގޮތުން އެތަކެތިން 35 ޕަސެންޓުގެ ޑިއުޓީއެއް ނަގަ އެވެ.

އެ އުސޫލަށް މި އަހަރުގެ ކުރީކޮޅު ވެސް އިސްލާހެއް ގެނަ އެވެ. އެ ފަހަރު ހަތިޔާރާއި ވަޒަނާއި އެ އެއްޗެހީގެ ބައިތަކާއި އެ އެއްޗެއްސާ ގުޅޭ ބައިތަކުން ޑިއުޓީ މައާފު ނުކުރެވޭ ގޮތަށް ބަދަލުކުރި އެވެ.

މި އިސްލާހާ އެކިު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ހިދުމަތްތަކުން ބޭނުން ކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނެ އެވެ.