Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޔާމީންގެ ފުއްގިރި މައްސަލައިގެ މާދަމާގެ އަޑުއެހުން ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލައިގައި މާދަމާ ބޭއްވުމަށް ހަމަޖެއްސި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. މާދަމާ އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ އެ މައްސަލައިގެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް ދައުލަތުން އެދިފައިވާތީ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުގެ ތެރޭގަ އެވެ.

ޔާމީނަށް އުފުލާފައިވާ ދައުވާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ އިތުރުން ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ކުރި ހުކުމާ އެއްގޮތަށް މިހަފުތާގައި އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށުމަށް ވެސް ވަނީ ތައްޔާރުވެފަ އެވެ.