Last Updated: July 26, 22:48
Saturday, July 26, 2025
ކުޅިވަރު

ލެސްޓާ އިން ޓޮޓެންހަމް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އާއި ލެސްޓަ ސިޓީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމުން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 29 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފަ އެވެ. ޖޭމްސް މެޑިސަން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން މި ގޯލު ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް ޕެޑްރޯ ޕޮރޯ އެވެ.

މި ގޯލަށްފަހު ވެސް ޓޮޓެންހަމަށް މި ހާފުގައި ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

ދެވަނަ ހާފުގައި ލެސްޓާ އިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 57 ވަނަ މިނެޓްގައި ޖޭމީ ވާޑީ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ވާޑީ މި ގޯލު ކާމިޔާބު ކުރީ ޓޮޓެންހަމްގެ އޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އޭގެ އިރުކޮޅެއްފަހުން ވާޑީ އަށް ވަނީ ލެސްޓާ އަށް ލީޑު ނަގައިދޭން ވެސް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޓޮޓެންހަމްގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ޓޮޓެންހަމްގެ ކީޕަރު ވިކާރިއޯ އެވެ.

މި މެޗުގައި ޓޮޓެންހަމްއާ ދާދިފަހުން ގުޅުނު، އިންގްލެންޑްގެ ފޯވާޑް ޑޮމިނިކް ސޮލާންކޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުއިރު، ގޯލުޖަހަން ރަނގަޅު ދެތިން ފުރުސަތެއް އޭނާ އަށް ލިބިފައިވެ އެވެ.

ލީގުގައި ޓޮޓެންހަމް ދެން ބައްދަލުކުރާނީ އެވަޓަންއާ އެވެ. ލެސްޓާ ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.