Last Updated: July 26, 22:48
Saturday, July 26, 2025
ކުޅިވަރު

ފެލިކްސް އެނބުރި ޗެލްސީ އަށް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ޕްލޭމޭކަރު، ޖާއޯ ފެލިކްސް ޗެލްސީ އަށް ބަދަލުވެއްޖެ އެވެ.

ފެލިކްސް ،24، ޗެލްސީ އަށް ބަދަލުވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭނާ ޗެލްސީއާ ގުޅުނު ފީ މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ފެލިކްސް މީގެކުރިން ވަނީ ލޯނެއްގެ ދަށުން ވެސް ޗެލްސީ އަށް ކުޅެފަ އެވެ. އެފަހަރު އޭނާ ޗެލްސީ އަށް 20 މެޗު ކުޅެދީ ހަތަރު ގޯލު ވަނީ ކާމިޔާބުކޮށްފަ އެވެ. ލޯނުގެ މުއްދަތު ހަމަވުމުން ޗެލްސީން އޭނާ އަނބުރާ ގެނެސްފައި ނުވާއިރު، މިދިޔަ ސީޒަނުގައި ފެލިކްސް ލޯނެއްގެ ދަށުން ކުޅުނީ ބާސެލޯނާ އަށެވެ.

ޗެލްސީން ފެލިކްސްގެ ސޮއި ހޯދާފައިވާއިރު، އެ ކްލަބަށް ކުޅެމުން އައި އިންގްލެންޑްގެ މިޑްފީލްޑަރު ކޯނާ ގަލެގާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެތްލެޓިކޯ މެޑްރިޑަށް ބަދަލުވާން ވަނީ ނިންމާފަ އެވެ.

ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ޗެލްސީން އަންނަނީ ފޯވާޑެއް ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗެލްސީން މަސައްކަތް ކުރަމުން އަންނަނީ ނަޕޯލީ އަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމެން ގެންނަން ކަމަށް ރިޕޯޓުތައް ބުނެ އެވެ.