މުޒާހަރާތަކުގައި ފުލުހުންގެ ހުއްދަ ނެތި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ބޭނުން ނުކުރެވޭނެ ކަމަށް ބުނެ ފުލުހުން އެންގުމާއި ގުޅިގެން ހުކުރު ދުވަހު އިދިކޮޅު ފަރާތްތަަކުން ބޭއްވި ހިނގާލުމުގައި ސައުންޑް އުފުލުމަށް 3 ފުރޮޅުލީ ގާޑިޔާ ބޭނުންކޮށްފައިވާތީ އެކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) މަލާމާތްކޮށްފިއެވެ.
ހުކުރު ދުވަހުގެ ހިނގާލުމުގައި ދަނީ އެމްޑީޕީ، ޖޭޕީގެ އިސް ބޭފުޅުން 3 ފުރޮޅުލީ ދަމާ ގާޑިޔަލުގައި ސައުންޑް އުފުލައިގެން ގެންދަނިކޮށް ނަގާފައިވާ ފޮޓޯތަކަކާއި އެކު އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވަނީ “1950 ގެންގުޅެނީ ކޮން ބައެއްތޯ؟" ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން އަބްދުއްރަހީމް ކުރެއްވި އިދިކޮޅު ފަރާތްތަކުން ބިރުގަންނަނީ ރައީސް ޔާމީންގެ ސަރުކާރުން ގައުމަށް ގެންނަ ކުރިއެރުމުގެ ސަބަބުން ރައީސް ޔާމީންއަށް 2018 ގެ އިންތިހާބު ކާމިޔާބުވާނެކަން ޔަގީންވާތީ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ގާޑިޔަލުގައި ސައުންޑް ސިސްޓަމް އުފުލުމުން ޕީޕީއެމްގެ ނައިބު ލީޑަރު އެކަމަށް މަލާމާތްކޮށްފައި ވާއިރު، ހިނގާލުމުގައި ގާޑިޔާ ބޭނުން ކުރުމުން އެކަމަށް ގިނަބަޔަކު ސޯޝަލް މީޑިޔާގައި ތައުރީފު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.