Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

"ރާއްޖެތެރޭ މީހުންނަށް" އިންޒާރު ދިން މައްސަލައިގައި މާފަށް ނޭދޭނަން : ރިޔާޒު ރަޝީދު

މުޒާހަރާ ކުރަން "ރާއްޖެތެރޭ މީހުންނަށް" ދެން މާލެ ނާދެވޭނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި މާފަށް ނޭދޭނެ ކަމަށް ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

'ހަވީރު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވެފައި އޭނާ އެހެން ވިދާޅުވީ މާލެ އާއި އެހެން ރަށްރަށުގެ ރައްޔިތުން ތަފާތުކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި އެއީ ރަށްރަށުގެ ރައްޔިތުންގެ ހައްގުގައި ވިދާޅުވި އެއްޗެއް ކަމަށާއި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް "ރާއްޖެތެރޭ މީހުން"ނޭ ބުނުމަކީ އެ ރައްޔިތުން ދަށްކޮށް، ތަފާތުކުރުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އޭނާގެ ޓުވީޓްތަކުގެ މާނައަކީ، ރައްޔިތުންނަށް އޮޅުވާލައިގެން މާލެ ގެނެސް ބިކަކުރަން ދޫކޮށްލަން ފުރުސަތު ނުދޭނެ ވާހަކަ ކަމަށާއި މާލެ އާއި ރަށްރަަށުގައި ދިރިއުޅޭ ރައްޔިތުންނާ މެދު ތަފާތުކުރުން ގެންގުޅުނީ އެމްޑީޕީ ސަރުކާރުން ކަމަށެވެ.

"އަޅުގަނޑަކީ ވެސް ރާއްޖެެތެރޭ މީހެއް. އޭގައި [ޓުވީޓްގައި] ނުބުނޭ ތަފާތުކުރާ ވާހަކައެއް. އޭގައި މި ބުނަނީ ވަކި ވާހަކައެއް،" ރިޔާޒް ވިދާޅުވި އެވެ. "ރާއްޖެތެރެ ކިޔަސް، އަތޮޅުތެރެ ކިޔަސް ހަމަ އެކައްޗެއް މި ކިޔަނީ. ކޮންމެހެން އޭގައި އިބާރާތް މޮޅުކުރަން ވާހަކަ ދެއްކުމުގެ މާނައެއް ނެތް. އެއީ ރާއްޖެތެރޭ މީހުންނަށް ނިސްބަތްކޮށް ބުނި ދެރަ ބަހެއް ވެސް ނޫން." 'ހަވީރު' ނޫހަށް ދިން އިންޓަވިގައި ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު ކުރެއްވި ޓުވީޓްތަކާއި ގުޅިގެން އޭނާ އާއި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ވިސްނުމަކީ މާލެ އާއި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންދާއިރު ޕީޕީއެމްގެ އެއްވެސް ބޭފުޅަކު އެކަމާއި ބެހޭގޮތުން އެއްޗެއް ވިދާޅުވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.