ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގަން ތިބި ވެރިން ވެފައިވާ އިހުމާލުތައް ބަލާ ފިޔަވަޅު އެޅެންވާނެ ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ފީފާ އިން ރޭ ވަނީ އެފްއޭއެމް ހިންގުން ނޯމަަލައިޒިން ކޮމިޓީ އަކާ ހަވާލުކޮށްފަ އެވެ.
އެ ކޮމިޓީގެ މެމްބަރުންނަށް މަރުހަބާ ކިޔައި ތޯރިގު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްއޭއެމް ހިންގަން ތިބި ވެރިން ވެފައިވާ އިހުމާލުތައް ބަލާ ފިޔަވަޅު އެޅެންވާނެ ކަމަށެވެ.
"މިއީ މިއަދުގެ އެފްއޭއެމްގެ ހާލަތު، ދެރައީ އަދިވެސް އިންތިޚާބަކަށް އިއުލާން ކުރުމާއެކު ވާދަކުރަނީ ބައްސާމު އާއި އޭނާގެ އެކްސްކޯގައި ތިބި ފަރާތްތައް. ހިތާމައިގެ ކޮޅެއް ނެތް،" ތޯރިގު ވިދާޅުވި އެވެ.
އެފްއޭއެމްގެ ނކ މެންބަރުންނަށް މަރުޙަބާ. އެފްއޭއެމް ހިންގަންތިބި ވެރިން ވެފައިވާ އިހުމާލުތައް ބަލާ ފިޔަވަޅު އެޅެންވާނެ. މިއީ އެފްއޭއެމްގެ ހާލަތު، ދެރައީ އަދިވެސް އިންތިޚާބަކަށް އިއުލާން ކުރުމާއެކު ވާދަކުރަނީ ބައްސާމުއާއި އޭނާގެ އެކްސްކޯގައި ތިބި ފަރާތްތައް. ހިތާމައިގެ ކޮޅެއްނެތް. pic.twitter.com/bxE9rKEYB2
— Ahmed Thariq (@AhmedThaariq) August 20, 2024
ފީފާ އިން އެފްއޭއެމްގެ ހިންގުން ހަވާލުކުރި ނޯމަލައިޒިން ކޮމިޓީގެ ޗެއާމަަނަކަށް ހަމަަޖައްސާފައިވަނީ، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޒުހޫރު އެވެ. އެ ކޮމިޓީގައި ދެން ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސައިމަން އަދި އަހްމަދު އަލީ އެވެ.
ފީފާއިން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން ނިންމީ، އިންތިހާބު ވެސް ހުއްޓުވައި އަދި ރައީސްކަމުގެ މަގާމުގައި ހުރި ބައްސާމް ސަސްޕެންޑް ކުރުމަށް ފަހު އެވެ.
އެފްއޭއެމް، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ، އެ އެސޯސިއޭޝަންގެ ގަވަނަންސްގެ މައްސަލަތަކާއި މާލީ ގޮތުން އިންތިހާ އަށް ދަށަށް ގޮސްފައިވާތީ، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށް ފީފާ އިން ބުނެ އެވެ.