ޑިވެލޮޕްމަންޓް ބެންކް އޮފް މޯލްޑިވްސްގެ ބޯޑަށް ތިން މެންބަރަކު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑް(ޕީސީބީ) އިން ބުނީ އެ ބޯޑަށް ތިން މެންބަރަކު އައްޔަންކުރީ އިއްޔެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާ ބޭރުގެ ދެ މީހެކެވެ.
* އަހުމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް
* ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު، ސިންގަޕޫރު
* ރޮބަޓް ޑުނިއެލް ކާންޓް، އިނގިރޭސިވިލާތް
ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކު އުފައްދަން ނިންމީ މެއި 16 ގަ އެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި އުފައްދާ މި ބޭންކަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާނެ ތަނެކެވެ.
ޑިވެލޮމަންޓް ބޭންކް އުފެއްދުމުގެ ހުއްދަ އަށް އިކޮނޮމިކް މިނިސްޓްރީން މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އަށް ހުށަހެޅީ މިދިޔަ މަހުގެ 28 ގަ އެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެ ކުންފުނި އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރިން ހިމެނެ އެވެ.