Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ބީއެމްއެލް އިސްލާމިކުން ސަނާބިލަށް އިންވެސްޓްކޮށްފި

މަތީ ތައުލީމަށް ހާއްސަކޮށްގެން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ހަތްބުރީގެ އިމާރާތްކުރުމަށް ހިންގާ ސަނާބިލް ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކް އިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފި އެވެ.

މިދިޔަ ޖޫން މަހު އައިޔޫއެމް އިން ހުޅުވާލި ސަނާބިލް ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާއެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ، ޙަސަން ކަލާމް ވިދާޅުވީ މި އިންވެސްޓްމަންޓަކީ އިސްލާމިކް ބޭންކިން އަދި ފައިނޭންސިންގެ ދާއިރާ ކުރިއަރުވައި، އިސްލާމީ ތައުލީމު ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކް އިން ސާބިތުކަމާއެކު ތިބިކަމުގެ ވަރަށް ވަރުގަދަ ހެއްކެއް ކަމަށެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އަދި އިލްމީ އިޤްތިޞާދެއް ގާއިމްކުރުމަށް އެހީވެގެންދާނެ ކަމަށް ކަލާމް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުއައްސަސާތަކަށް އީޖާދީ އަދި ކަސްޓަމަރުން ބޭނުންވާ ފަދަ ޝަރުއީ ހަމަތަކަށް މާލީ ހައްލު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި ހިދުމަތްދެމުންނެވެ.