Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ބަންކަރިން ފަށަން އެމްޕީއެލް އާއި އެސްޓީއޯ އެއްބަސްވުމަކަށް

އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލް (އޮފް ޕޯޓް ލިމިޓްސް) ހިދުމަތް ގުޅިގެން ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިން ޚިދުމަތާއެކު، މެރިޓައިމްގެ އިތުރު ޚިދުމަތްތައް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެސްޓީއޯ އިން ބަންކަރިން ޚިދުމަތް ފޯރުކޮށްދޭއިރު މިއެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ފޯރުކޮށްދެނީ އެ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ޚިދުމަތްތަކެވެ.

މި އެއްބަސްވުމުގެ ދަށުން ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން ގުޅިގެން، ވިހާވެސް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި މި ޚިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެ އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ މެރިޓައިމްގައި މުހިންމު ރޫޓަކަށްވާއިރު، އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އެގޮތުން އެއްވެސް ވަރަކަށް އިޝްތިހާރު ނުކުރެވި މިހާރުވެސް މަހެއްގެ މައްޗަށް 6 ނުވަތަ 8 އާގު ބޯޓު އެ ސަރަހައްދުން ފެނުގެ ޚިދުމަތް ހޯދުމަށް އެދޭ ކަމަށާއި އެހެންކަމުން ތެލާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ ކަމަށް ވިދާޅުވި އެވެ.