މުއުމިނުން ވާންޖެހޭނީ ސިއްރާއި ފާޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު މާތްﷲ މަލާއިކަތުން ލައްވައިފައިވާކަން ދަންނަ ބަޔަކަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ މަލާއިކަތުންނަކީ މާތްﷲ އަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބައެއް ކަމަށާއި މަލާއިކަތުންގެ ޢަދަދު މާތްﷲ ފިޔަވައި އެއްވެސް މަޚުލޫޤަކަށް ނޭނގޭނެ ކަމަށެވެ. އަދި ޢަރުޝި އުފުއްލެވުމަށާއި ނަރަކަޔާއި ސުވަރުގެއަށް މަލާއިކަތުން ކަނޑައަޅުއްވައިފައިވާ ކަމަށާއި ޖިބްރީލުގެފާނަކީ ވަޙީގެ މަލާއިކަތާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
އޭގެ އިތުރަށް ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި، މަޚްލޫޤުންގެ މަރުހިއްޕެވުމަށް މަލާއިކަތުންވާ ކަމަށާއި މާތްﷲ އަށް ކިޔަމަންގަނެ އަޅުކަންކޮށް، ޤުރްއާން ކިޔަވައި، މާތްﷲ ހަނދުމަކުރާ މީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުންވާ އިރު މީސްތަކުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން ވާކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު މާތްﷲ މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް މާތްﷲ އަށް ތަޤްވާވެރިވާ ބަޔަކަށް ކަމަށްވެސް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.
މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި އެއީ މާތްފ މާތްކުރައްވައިފައިވާ މަޚްލޫޤުންތަކެއް ކަމަށްވާއިރު، މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ސުންނަތުން ސާބިތުވާ ގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ.