ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ، އިޓަލީގެ ނަޕޯލީ އަށް ވިއްކާލަން އެއްބަސްވެއްޖެ އެވެ.
ޗެލްސީން ލުކާކޫ ނަޕޯލީ އަށް ވިއްކާލުމަށް ހަމަޖެހިފައިވަނީ 30 މިލިއަން ޕައުންޑުގެ އަގެއްގަ އެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން ދެ ކްލަބުން ވެސް މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ލުކާކޫ ،31، އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން އެންމެ ބޮޑަށް ބޭނުންވި ކުޅުންތެރިޔާ އެވެ. ކޮންޓޭގެ އިރުޝާދުގެ ދަށުން ލުކާކޫ މީގެކުރިން ވަނީ އިންޓަ މިލާނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އިންޓަ މިލާން ދޫކޮށް ލުކާކޫ ޗެލްސީއާ ގުޅުނީ 2021 ވަނަ އަހަރު 97.5 މިލިއަން ޕައުންޑުގެ އަގެއްގަ އެވެ. ނަމަވެސް ފާއިތުވި ދެ ސީޒަނުގައި ވެސް އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެފައިވަނީ އިޓަލީގެ ކްލަބުތަކަށެވެ. އެގޮތުން ފުރަތަމަ ލޯނެއްގެ ދަށުން އިންޓަ އަށް ކުޅުނުއިރު މިދިޔަ ސީޒަނުގައި ލޯނެއްގެ ދަށުން އޭނާ ކުޅުނީ ރޯމާ އަށެވެ.
ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ފޯވެއް ގެންނަން ޗެލްސީން މަސައްކަތް ކުރަމުންދާއިރު، ނަޕޯލީ އަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމެން އަށް ޗެލްސީން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.