Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ދީނީ ޢިލްމުވެރިންގެ މަހާސިންތާ ނިންމާލައިފި

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ދީނީ ޢިލްމުވެރިންގެ އަހަރީ މަހާސިންތާ ނިންމާލައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ފެށި ޢިލްމުވެރިންގެ މަހާސިންތާގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެފައިވެ އެވެ.

ޢިލްމުވެރިންގެ މަހާސިންތާގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘް ކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވާފައިވެ އެވެ.

މި މަހާސިންތާގައި ބޭރުގެ ދެ އިލްމުވެރިޔަކު ވެސް ބައިވެރިވެފައިވެ އެވެ. އެ ދެ ބޭފުޅުންނަކީ ސައުދީ އަރަބިއްޔާގެ ޖަމިއްޔަތު ވުފޫދުލް ހަރަމްގެ ސީއީއޯ ޑރ. ފަހުދު ބުން ނާސިރު އަލް ޤަރުނީ އާއި މަސްޖިދުލްހަރާމްގެ ފަތުވާ ކޮމިޓީގެ މެންބަރެއް ކަމަށްވާ ޕްރޮފެސަރު ޑރ. ހަމްދާން ބުން ބުރައިލް އައްސުލަމައިމީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މަހާސިންތާތަކުގެ ބޭނުމަކީ ކަނޑައަޅާފައިވާ ދާއިރާތަކުން ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު މުއްސަނދިކޮށް ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި މުޖުތަމަޢުއަށް ސައްހަ އަޤީދާ ކިޔައި ދިނުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާކުރުމަކީ ވެސް މަހާސިންތާތަކުގެ މަގުސަދެެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އަންނަ މަހު ވެސް ދެ މަހާސިންތާއެއް ބާއްވަން ތާވަލުކޮށްފައިވެ އެވެ. އެއީ ސެޕްޓެމްބަރު 4 އަށް ތާވަލުކޮށްފައި އޮތް ޖަމިއްޔާތަކުގެ މަހާސިންތާ އާއި ސެޕްޓެމްބަރު 21 ގައި ބާއްވަން އޮތް އިމާމުންގެ މަހާސިންތާ އެވެ.