Last Updated: June 7, 13:44
Sunday, June 7, 2026
ޚަބަރު

ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމުން ދައުވާކުރަން ނިންމުމުގައި "ބަދަލުވީ ޙާލަތު" !

މާލޭގައި ކުރެވުނު މުޒާހަރާއެއްގެ ތެރެއިން. ފޮޓޯ: ވީނިއުސް

2006 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ހޫނުވެގެން ދިޔަ އަހަރެކެވެ. އެއާއި އެކު ނޫސްތަކުގައި ވެސް ސަރުކާރުން ކުރަމުން ގެންދާ ކަންތަކާއި ބެހޭގޮތުން ތަފާތު ގޮތްގޮތަށް ލިޔުންތައް ލިޔެވެމުން ދިޔައެވެ. ކޯޓުން ކުރަމުން ގެންދާ ހުކުމްތަކާއި ބެހޭގޮތުން ވެސް ތަފާތު ލިޔުންތައް ލިޔަމުން ގެންދިޔައެވެ.

މިފަދަ ލިޔުންތައް ވެގެން ދިޔައީ އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ލަގޮނޑިއަށް ކެތްކުރެއްވޭ ވަރަށް ވުރެ މާ ފުން އަސަރުތަކެއް ކުރުވަމުން ދިޔަ ލިޔުންތަކަކަށެވެ. އެގޮތުން ގާޒީންގެ އަބުރާ ބެހި، ހިނގަމުންދާ ޝަރީއަތްތަކާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބައެއް ނޫސްތަކުގައި ލިޔަމުންދާތީ އެ ކަންތައްތަކާ މެދު ދައުވާކޮށް ދެއްވުމަށް، އެޓާނީ ޖެނެރަލަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވެ އޭރު ޖަސްޓިސް މިނިސްޓަރ ކަމުގައި ހުންނެވި، މިހާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދް ވިދާޅުވެފައިވެއެވެ.

ނޫސްތަކުގައި ގާޒީންގެ އަބުރާ ބެހި އަދި ހިނގަމުންދާ ޝަރީއަތްތަކާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ލިޔެފައިވާ ކަމަށާއި އެ ކަންތައްތަކަށް ފިޔަވަޅު އެޅުއްވުމުގެ ގޮތުން އެފަދަ މައްސަލަތަކާ މެދު ދައުވާ ކޮށްދެއްވުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވި ކަމަށް ވިދާޅުވެ ޑރ. ޖަމީލް ވަނީ ނޫސްވެރިންނަށް އިންޒާރުދެއްވައި ވާހަކަ ދައްކަވާފައެވެ.

ޖަސްޓިސް މިނިސްޓަރ ކަމުގައި ހުންނަވައިގެން ފޭހުނު އިލޮށި ޑރ.ޖަމީލްގެ ލޮލަށް ހެރުނީ އޭގެ 6 އަހަރު ފަހުން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގައި ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދޭނެ ކަމަށް ބުނެ ވާހަކަ ދެއްކުމުން، ސާބިތު ނުހިފޭ ދޮގުވާހަކަތައް ދެއްކެވިކަމަށް ތުހުމަތުކޮށް ޑރ.ޖަމީލް ހައްޔަރު ކުރެވުނެވެ.

ސާބިތު ނުހިފޭ ވާހަކަ ދެއްކެވި ކަމަށް ބުނެ އެކަމުގެ ތަހުގީގަށް  ޑރ. މުހައްމަދު ޖަމީލު އަހުމަދު ޖެނުއަރީ 15، 2012 ގައި ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ. ފޮޓޯ: ހަވީރު
ސާބިތު ނުހިފޭ ވާހަކަ ދެއްކެވި ކަމަށް ބުނެ އެކަމުގެ ތަހުގީގަށް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޖެނުއަރީ 15، 2012 ގައި ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ. ފޮޓޯ: ހަވީރު

ނަމަވެސް އެބޭފުޅާ ހައްޔަރުކުރި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރީ އެއް ގަޑިއިރު ތެރޭގައި އޭނާ ކޯޓަށް ހާޒިރުކުރުމަށް އަމުރު ކުރުމަށް ފަހު ހުކުމް ކޮށްފައިވަނީ، އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނާޚިލާފަށް ކަމަށެވެ.

ސާބިތު ނުހިފޭ ވާހަކަތައް ސަރުކާރާއި ބެހޭގޮތުން ދެއްކެވުމާއި ގުޅިގެން ދެވަނަ ފަހަރަށް ފުލުހުން ޑރ. ޖަމީލް ހައްޔަރުކުރި ނަމަވެސް އެފަހަރު ވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް ހުކުމްކޮށްފައެވެ. އެފަހަރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުން ގެންދެވީ ޝަރީޢަތެއް ކުރިއަށް ގެންދަވާ އުޞޫލުންނެވެ. އަދި އެންމެ ބޮޑަށް ފާހަގަކުރެވުނީ އެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ 3 ގާޟީންގެ ބެންޗަކުންކަމެވެ. އަދި އެރޭ ކްރިމިނަލް ކޯޓުގެ 3 ޤާޟީން ކުރެއްވިޙުކުމްގައި ޑރ. ޖަމީލްގެ މައްޗަށް ފުލުހުން ތުޙުމަތުތައްކުރި ގާނޫނުލް އުގޫބާތުގެ 125 ވަނަ މާއްދާ ގާނޫނު އަސާސީއާ ތައާރުޒުވާ ކަމަށް ކަނޑަޅައިފައެވެ.

ޤާނޫނުލް އުޤޫބާތުގެ125 ވަނަ މާއްދާގައި ވަނީ " ހަދައިގެން ވާހަކައެއް ދައްކައިފިނަމަ، ނުވަތަ އިވުނު ވާހަކައެއް ދެއްކި މީހަކު ސާބިތުކޮށް ނުދެވޭ ގޮތުގައި ދައްކައިފިނަމަ އެމީހެއްގެ އަދަބަކީ މަދުވެގެން 1 މަސް ދުވަހާއި 6 މަސް ދުވަހާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ. ނުވަތަ 25 ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރުމެވެ. "

ކްރިމިނަލް ކޯޓުން ޤާނޫނުލްއުޤޫބާތުގެ 125 ވަނަ މާއްދާ ޤާނޫނުއަސާސީ އާ ތަޢާރުޟުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) އިން ބާރުލިބިގެން "ބަލަމުންދާ މައްސަލައަކާ ގުޅިގެން ޤާނޫނުއަސާސީ މާނަކޮށްގެން" ކަމަށްވާއިރު އެންމެ ފާހަގަކޮށްލަންޖެހޭކަމަކީކްރިމިނަލް ކޯޓުން ނިންމެވި އިރު އެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވީ އޭރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި، މިހާރުގެ ޕީޖީ މުހުތާޒް މުހުސިން އެވެ. އެއީ އޭރު ފަނޑިޔާރު މުޙުތާޒް މުޙުސިންގެ ވިސްނުންފުޅެވެ. ނަމަވެސް މިހާރު އެއީ ޕީޖީ މުޙުތާޒް މުޙުސިން އެވެ. އެހެންވީމަ މަޤާމުގެ ޙައިސިއްޔަތާއެކު ޤާނޫނީ ރަޢުޔަށްވެސް މިވަނީ ބަދަލުއައިސްފައެވެ.

2012 ވަނަ އަހަރު ފަނޑިޔާރެއްގެ ގޮތުގައި ހުންނަވައި، ސާބިތު ނުހިފޭ ވާހަކަތައް ދެއްކި މީހަކަށް އެކަން ސާބިތުކޮށް ނުދެވޭ ނަމަ އެކަމަށް އަދަބު ކަނޑައެޅުމަކީ ޤާނޫނު އަސާސީ އާއި ތައާރުޒު ވާކަމެއް ކަމަށް ނިންމެވި ނަމަވެސް މިހާރު ޕީޖީގެ މަޤާމަށް އާދެވުމުން މުހުތާޒް މުހުސިން މިވަނީ ސާބިތު ނުހިފޭ ވާހަކަ ދައްކާނަމަ، އެބަޔަކާއި މެދު ދައުވާ ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒް މުހްސިން, ސިޔާސީ ގިނަ ބަޔަކު ތުހުމަތުކުރާގޮތުގައި އޭނާ އަކީ ވަކި ފަރާތަކަށް ޖެހިގެން މަސައްކަތްކުރާ ސަރުކާރުގެ "ޕަޕެޓެއް". ފޮޓޯ: ވީނިއުސް
ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒް މުހްސިން, ސިޔާސީ ގިނަ ބަޔަކު ތުހުމަތުކުރާގޮތުގައި އޭނާ އަކީ ވަކި ފަރާތަކަށް ޖެހިގެން މަސައްކަތްކުރާ ސަރުކާރުގެ "ޕަޕެޓެއް". ފޮޓޯ: ވީނިއުސް

ޕީޖީ އަކީ ވަކި ފަރާތަކަށް ޖެހިގެން މަސައްކަތްކުރާ ސަރުކާރުގެ "ޕަޕެޓެއް" ގޮތަށް އިދިކޮޅު އެމްޑީޕީ އާއި ސަރުކާރާ އިދިކޮޅު އެހެން ފަރާތްތަކުންވެސް ބުނަމުންދާއިރު އެއްމައްސަލައެއްގައި ފަނޑިޔާރު ކަމުގައި ވަކި ރައުޔެއް އަދި ޕީޖީ ކަމަށް އައުމަށް ފަހު ވަކި ރައުޔެއް މުހުތާޒް މުހުސިން ގެންގުޅުއްވުމަކީ އޭނާގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވާކަން ހާމަވާކަމެއްކަމަށް ބައެއް ސިޔާސީ ބޭފުޅުންވެސް ތުޙުމަތުކުރައްވައެވެ.

ޕްރޮސިކިއުޓާރ ޖެނެރަލްގެ މަޤާމަކީ ސިޔާސީ މަޤާމެއް ނޫނެވެ. އެ މަޤާމް އަދާކުރައްވަން ޖެހިވަޑައިގަންނަވަނީވެސް ސިޔާސީ ނުފޫޛުން މިނިވަންވެ ހުންނަވައިގެންނެވެ. ނަމަވެސް މިއަދު މިނިވަން ޕްރޮސިކިއުޓަރެއްގެ ދައުރު ފެނިގެންދޭތޯ ސުވާލު އުފެދެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އަކީ ސިޔާސީގޮތުން ވަކި ވިސްނުންފުޅެއްގެ ބޭފުޅެކޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް އެބޭފުޅާ ނިންމަވާ ނިންމުންތަކުން އެކަން ދޭހަވޭތޯ ބަލަންއެބަޖެހެއެވެ. ދެތިން މިސާލެއް ދަންނަވާލާނަމެވެ.

2014 ވަނަ އަހަރުގެ ތެރޭގައި އާދަޔާ ޚިލާފު ގޮތަކަށް އޮޑިޓަރ ޖެނެރަލް މަޤާމުން ގެއްލުވާލައި އައު އޮޑިޓަރ ޖެނެރަލް އެއް ޢައްޔަންކުރެއްވީ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ސަރުކާރުގެ "ބޮޑުވަޒީރު" ނަމަކަށްކިޔާ ބޭފުޅެއްގެ މައްޗަށް ޚިޔާނާތާއި ކޮރަޕްޝަންގެ ބޮޑެތި ތުޙުމަތުތަކެއް ކުރައްވާފައިވާތީއެވެ. އެ ރިޕޯޓް އޭރުގެ އޮޑިޓަރ ޖެނެރަލް ނެރުއްވުމާއެކު ހަމަ ކުއްލިއަކަށް ޕީޖީ މުޙުތާޒް މުޙުސިން ރަޢުޔު ނެރުއްވައިފިއެވެ. "އެ ރިޕޯޓާމެދު ސުވާލު އުފެދޭ" ކަމަށް ވިދާޅުވެ ޕީޖީ ވާހަކަފުޅު ދެއްކެވީ އެ ރިޕޯޓް ކިހާމިންވަރަކަށް ދިރާސާކުރެއްވުމަށްފަހުގައިކަމެއްވެސް ނޭނގެއެވެ. ނަމަވެސް އެނގޭހާކަމަކީ ޕީޖީގެ އެ ވާހަކަފުޅު އައީ އެ ރިޕޯޓް ޢާއްމުކުރިތާ މަދު ގަޑައިރުތަކެއްގެ ތެރޭގައިކަމެވެ.

އަދި ހަމަ އެހެން ޙާދިސާއެކެވެ. ޤާސިމް އިބްރާހީމް އަށް ވެރިކަން ޙަވާލުކުރުމަށް އެމްޑީޕީ އިން ފާސްކުރި ޤަރާރު އެއީ ޤާނޫނުއަސާސީއާ ޚިލާފު ޤަރާރެއްކަމަށް ވިދާޅުވެ ފިޔަވަޅު އަޅުއްވާނެކަމަށް ޕީޖީ މުޙުތާޒް މީޑިޔާގައި ވިދާޅުވިއެވެ. ނަމަވެސް ފާހަގަކޮށްލަންޖެހެނީ ސިޔާސީ ޕާޓީތަކުން ކުރާ އެފަދަ ކަންކަމުގައި ހަމަހަމަ އުޞޫލަކުން ޕީޖީއިން ފިޔަވަޅު ނާޅުއްވާކެމެވެ.

ސަރުކާރުގެ ވަޒީރަކު އިސްވެ ހުންނަވައި ސަރުކާރަށް ޒުވާނުންގެ ތާޢީދު އޮތްކަން ހާމަކޮށްދެއްވުމަށް މާލޭގެ މަގުތަކުގައި ބޭއްވި އެއްވުމެއްގައި މޫނު ނިވާކޮށްގެން އެތަކެއް "ޒުވާނުން" ތިބިއިރު އެއީ އެއްވެ އުޅުމާބެހޭ ޤާނޫނުގެ ދަށުން ކުށެއްކަމަށް ބަލައި ފިޔަވަޅު އަޅުއްވަން ޕީޖީއަކަށް ކެރިވަޑައެއްނުގަތެވެ. ފަހަރެއްގައި އެއްވުން ލީޑްކުރެއްވި ބޭފުޅާގެ ސަބަބުންކަމަށްވެސް ވެދާނެއެވެ.

ޝަރީޢަތަށް ނުފޫޛު ފޯރުވާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެ ޕީޖީ މުޙުތާޒް ކާނަލް ނާޒިމްގެ ވަކީލުންނަށްވެސް ވަރުގަދަ އިންޒާރުތަކެއް ދެއްވިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ޝަރީޢަތް އަވަސްކުރުމަށާއި ދިގުމުއްދަތަކަށް ޖަލަށްލުމަށް ގޮވާލައި ސަރުކާރުގެ އިސް ވަޒީރުންތަކެއް މާލޭގެ މަގުތަކުގައި މުޒާހަރާކުރިއިރު އެއީ ޝަރީޢަތަށް ނުފޫޛުފޯރުވުންކަމަށް ޕީޖީ ޤަބޫލުފުޅެއް ނުކުރެއްވިއެވެ.

ރައީސް ނަޝީދުގެ ޝަރީއަތް އަވަސް ކުރުމަށް ގޮވާލައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މުޒާހަރާކުރަނީ. ފޮޓޯ: ވީނިއުސް
ރައީސް ނަޝީދުގެ ޝަރީއަތް އަވަސް ކުރުމަށް ގޮވާލައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މުޒާހަރާކުރަނީ. ފޮޓޯ: ވީނިއުސް

އަދި ދައުލަތުގެ ސިއްރެއްކަމަށްބުނެ ޕީޖީ އިން ސިއްރުކުރި "އެ ޕެންޑްރައިވް" ގައި ހުރި މަޢުލޫމާތުތައް ސަރުކާރަށް ފައިދާވާގޮތަށް އަދި ޝަރީޢަތަށް ނުފޫޛުފޯރާގޮތަށް ސަރުކާރަށް ތާޢީދުކުރާ މީޑިއާތައް މެދުވެރިކޮށް "ލީކް" ކޮށްލެއްވިއިރުވެސް ޕިޖީ ނިންމެވީ ހަނުހުންނަވާށެވެ.

އަދި އާޤާނޫނުލް އުޤޫބާތަށް ޢަމަލުކުރުން ފަސްނުކުރެވޭކަން ޤާނޫނީ ވަކީލުންތަކެއް ފާހަގަކުރުމުން އެކަމުގައިވެސް ޕީޖީ ނިންމެވީ "ހަނު" ހުންނެވުމަށެވެ. ނޫސްވެރިން އެކަމާ ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބެއްވެސް ނުދެއްވިއެވެ. މީގެ ކުރިން ސުޕްރީމް ކޯޓުގައި ތަޅުއެޅުވި މައްސަލާގައި ކުރީގެ ޕީޖީ ވަނީ ދަޢުވާވެސް ކުރައްވާފައެވެ. ނަމަވެސް ޤާނޫނީ ބޮޑެތި މައްސަލަތަކުގައި މިހާރުގެ ޕީޖީ ހަނު ހުންނެވުމާއި "ސާބިތު ނުހިފޭ ވާހަކަ ދެއްކުމުގެ" މައްސަލާގައި ރަޢުޔު ބަދަލުވުމަކީވެސް ޕީޖީގެ މަސައްކަތްތައް ވަޒަންކޮށްލެވޭފަދަ ކަންކަމެވެ.

މި ނޫނަސް މިފަދަ އެތައްކަމެއް ނޫސްތަކުގެ ސުރުޚީތަކުންވެސް ފާހަގަކުރެވޭނެއެވެ. ނަމަވެސް އެވާހަކަތައް އިތުރަށް ދައްކައިފިނަމަ އަޅުގަނޑުވެސް "ސާބިތު ނުހިފޭ ވާހަކަ ދެއްކުމުގެ" މައްސަލައަކާ ކުރިމަތިލާންޖެހުމަކީ ދުރުގައި އޮތްކަމެއްނޫނެވެ. ނަމަވެސްޕްރޮސިކިއުޓާރ ޖެނެރަލް މުޙުތާޒް މުޙުސިން ވެސް އިބްރަތް ލިބިގަންނަންޖެހޭ ކަމެއް ވެސް އެބައޮތެވެ. 2006 ވަނަ އަހަރު ޑރ. ޖަމީލް ފޭހުނު އިލޮށިގަނޑު އެމަނިކުފާނުގެ ލޮލަށް 2012 ވަނަ އަހަރު ހެރުނު ފަދައިން، 2015 އަހަރު މަނިކުފާނު ތިޔަ ފޭއްސަވާ އިލޮށިކޮޅު މަނިކުފާނުގެ ލޮލަށް ވެސް ހެރިދާނެ ކަމުގެ ފުރުސަތު ބޮޑުކަން ހަނދާންކޮށްލަން އެބަޖެހެއެވެ.