މި މަހުގެ 1 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރުކުރި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ޑޮކްޓަރަށް ދެއްކުމަށްޓަކައި މީގެ ކުޑައިރުކޮޅެއް ކުރިން މާލެ ގެނެސްފިއެވެ.
މި ދެ ބޭފުޅުން މިއަދު މެޑިކާ ހޮސްޕިޓަލަށް ގެންދެވިފައި ވީނަމަވެސް، ޑޮކްޓަރަށް ދައްކާ ސަބަބު ސާފުވާ ގޮތްވަނީ ނުވެފައެވެ.

ކްރިމިނަލް ކޯޓުން އިމްރާނާއި އަލީ ވަހީދުގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވުމުން، އިއްޔެ ވަނީ އަނެއްކާވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. އެގޮތުން އިމްރާނުގެ ބަންދަށް އިތުރު 10 ދުވަސް ޖަހާދީފައި ވާއިރު، އަލީ ވަހީދުގެ ބަންދަށް ވަނީ 7 ދުވަސް ޖަހާފައެވެ.
އަލީ ވަހީދުގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އޭނާގެ އާއިލާ އިން މީގެ ކުރިން ބުނެފައި ވަނީ އަލީ ވަހީދަކީ ހަކުރު ބަލި ހުންނަ މީހަކަށް ވެފައި، އެކަށީގެންވާ ފަރުވާ ނުދީފި ނަމަ އޭނާގެ ހާލު އިތުރަށް ގޯސް ވެދާނެ ކަމަށެވެ.