އިންގްލެންޑްގެ ކުރީގެ ކޯޗު ސްވެން ގޯރަން އެރިކްސަން މަރުވެއްޖެ އެވެ.
އެރިކްސަން ،76، މަރުވީ ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
އުމުރުން 27 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލި އެރިކްސަން ކޯޗިން ކެރިއަރު ފެށީ 1977 ވަނަ އަހަރު އެވެ. އޭގެފަހުން އެރިކްސަން ވަނީ 12 ކްލަބަކަށް ކޯޗުކަން ކޮށްދީ 18 ތަށްޓެއް ކާމިޔާބުކޮށްފަ އެވެ.
އެރިކްސަން ކޯޗުކަން ކޮށްދިން ކްލަބުތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި ބެންފީކާ އާއި ރޯމާ އާއި ފިއޮރެންޓީނާ އާއި ލާޒިޔޯ ހިމެނެ އެވެ.
އެރިކްސަން އަކީ އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗެވެ. އޭގެ ފަހުން އޭނާ ވަނީ މެކްސިކޯ އާއި އައިވަރީ ކޯސްޓާއި ފިލިޕީންސްގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ.