ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާ އަށްޓަކައި އިދިކޮޅު ޕާޓީތަކުން ސަރުކާރާ އެކު މަޝްވަރާކުރެއްވުމަށް ސަރުކާރުގެ ފަރާތުން 2 ޓީމެއް ނެރޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އަބުދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ، މަޝްވަރާގެ ދައުވަތު މިއަދު ރަސްމީކޮށް އިދިކޮޅު ތިން ޕާޓީއަށް ފޮނުވާފައިވާނެ ކަމަށެވެ.
މުއާޒު ވިދާޅުވި ގޮތުގައި މަޝްވަރާތަކުގައި ސަރުކާރުން ބައިވެރިވާނެ ބޭފުޅުން ކަނޑައަޅާ އެކަން ވެސް ސިޓީގައި އަންގާފައިވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މަޝްވަރާތަކަށް 2 "ޓީމެއް" ނެރުއްވާފައިވާއިރު އިދިކޮޅު އެމްޑީޕީާއި މަޝްވަރާ ކުރުމަށް ހަމަޖެއްސި "ޓީމް" ގައި ހިމެނިވަޑައިގަންނަވަނީ ، ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީއާއި، ރައީސް އޮފީހުގެ މިނިސްޓަރު އަބުދުﷲ އަމީން އެވެ.
އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ "ޓީމް"ގައި ހިމެނެނީ ޓުރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފާއި، ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒާއި، އެންވަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.
މަޝްވަރާ ކުރާނެ ތިން ކަމެއް ވެސް ސަރުކާރުން ހުށަހަޅާފައިވާ ކަންތަކުގެ ތެރޭގައި ހިމެނެނީ ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސް ކަމަށް ގާނޫނީ އިމުގެ ތެރެއިން ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށާއި، ރާއްޖޭގެ ޑޮމިކްރަޓިކް ނިޒާމު ހަރުދަނާ ކުރުމަށް ތަޖުރިބާއާއި، ބައިނަލް އަގުވާމީ މިންގަނޑުތަކުގެ އަލީގައި ދުސްތޫރީ އަދި ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް އެކުގައި މަސައްކަތް ކުރުމާއި، ގައުމު ބިނާކޮށް ތަރައްގީ ކުރުމަށް ސިޔާސީ ވަކި ފިކުރަކަސް ބެލުމެއް ނެތި، އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރުމެވެ.