Last Updated: June 7, 13:44
Sunday, June 7, 2026
ޚަބަރު

އަނިޔާވެރި ނުވެ މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލެވެން އެބައޮތް : އަމީން

މިމަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންނަށް އަނިޔާވެރި ނުވެ ދޫކޮށްލުމުގެ އިހްތިޔާރާއި ބާރު ސަރުކާރަށް އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އަމީން ވިދާޅުވީ މެއި 1 ގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ސަރުކާރުން ބޮޑެތި އަނިޔާތަކެއް ދެމުންދާ ކަމަށާއި އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި އަލީ ވަހީދުގެ އިތުރުން މުޒާހަރާގެ އެހެން ބައިވެރިންގެ ތަހުގީގުގެ ބަޔާންތައް ނަގައި ނިންމާފައިވާ އިރު، އިތުރަށް އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ތަހުގީގު ބަޔާންތައް ނަގައި ނިމުމުން ބަންދުގައި ބައިތިއްބަން ޖެހޭނެ ކަމަކަށް ނުފެނޭ. އަދި އެ ގޮތަށް ބަންދުގައި ބައިތިއްބާ ނަމަވެސް، ބައިތިއްބަން ޖެހޭނީ އަނިޔާއަކަށް ނުވާ ގޮތަށް. މިއަދު އެ ދަނީ ވަރަށް ބޮޑެތި އަނިޔާތައް ދެމުން،" އަމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ފެށީ ވެސް މި އަނިޔާތައް ދެމުން ގެންދާތީ އެ އަނިޔާތައް ހުއްޓުވަން. އަނިޔާ ހުއްޓުވަން ނުކުތް މީސް މީހުންނަށް މިއަދު މިދަނީ އަނިޔާ އޭގެ ހައްދުން ނައްޓާ މިންވަަރަށް ދެމުން،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންނާ މެދު އިހްލާސްތެރިކަމެއް އޮތް ނަމަ އަނިޔާވެރިއެއް ނުވާނެ އެވެ.