މޭޑޭ މުޒާހަރާ އާއި ގުޅިގެން ހައްޔަރުކޮށްފައި ތިބި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ލީޑަރ ޝެއިޚް އިމްރާން އަބްދުﷲ އަދި ޖުމްހޫރީ ޕާޓީގެ ސޮބާހް ރަޝީދު ބައިތިއްބާފައި ތިބެނީ އެހެން ގޮޅިތަކާ ވަކިން ހަދާފައިވާ ކުޑަ ގޮޅިތަކެއްގައި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވިގޮތުގައި އެ މީހުންނަށް ދޫނިދޫގައި ދެމުން ދަނީ ބޮޑެތި ކުށްތަކުގައި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރާ މީހުންނަށް ދޭ އަނިޔާ ކަމަށެވެ.
"އަޅުުގަނޑުމެންނަށް އެބަ ފެނޭ ބަންދުގައި ތިބި މީހުން މާލެ ގެނެސްގެން ޑޮކްޓަރަށް ދައްކާ ތަނާއި ބޭސްފަރުވާ ކުރާ ތަން. އަޅުގަނޑުމެން ވަރަށް ހިތާމަކުރަން. އަސްލުގައި ކީއްތޯ މިވަނީ. އެ މީހުން ބައިތިއްބާފައި ތިބެނީ ވަރަށް ދެރަ ހާލަތުގައި ބޭނުންވާ ކަންތައްތަކެއް، ޟަރޫރީ ބޭނުންތަކެއް އެކަށީގެންވާ މިންވަރެއްގައި ފުދިގެންނެއް ނުދޭ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާއާ ގުޅިގެން ޕާޓީތަކުގެ އިސް ލީޑަރުން ބަންދުކޮށްގެން ގެންގުޅޭ އިރު، ފުލުހުން އެދުނު ކޮންމެ ވަގުތެއްގައި އެ ބޭފުޅުން އެއްބާރުލުން ދެއްވައި ފުލުސް އޮފީހަށް ވަޑައިގަންނަވަ އެވެ. އެހެންކަމުން އެ ބޭފުޅުންނަކީ މުޖުތަމައަށް ނުރައްކާތެރި ބައެއްގެ ގޮތުގައި ފުލުހުން ދެކެންވީ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.