Last Updated: September 12, 20:02
Thursday, September 12, 2024
ޚަބަރު

ދީނަށް ހިދުމަތް ކުރުމަކީ ވާޖިބެއް: ހުތުބާ

އިސްލާމްދީނަށް ހިދުމަތް ކުރުމަކީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނީ އިސްލާމްދީނަށް ތަބަޢަވެގެން މެނުވީ ނަޖާވާނެ މަގެއް، މުކައްލަފަކަށް ނުވާ ކަމަށާއި މި ދީނަށް އީމާންވެއްޖެ މީހާއަށް ތެދުމަގު ލިބި، ކާމިޔާބުވެއްޖެ ކަމަށެވެ. މި ދީން ދޫކޮށް، އެހެން ދީނެއް ހިފައިފި މީހާގެ ކިބައިން މާތްﷲ ފަރްޟެއް، ސުންނަތެއް އަދި އެހެން ވެސް ޢަމަލެއް ޤަބޫލެއް ނުކުރައްވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

"މި ދީނަކީ އުންމަތުގެ ފަޚުރެވެ. މި ދީނުގެ ޝަރީޢަތުން ޢިއްޒަތް ލިބި، މުސްލިމުންގެ ސަފުތައް ބަދަހިވެ، ހިތްތައް އެކުވެރިވި އެވެ. މުޅި އިންސާނިއްޔަތު ހަލާކުން މިންޖުކޮށްދީ، ޝަރަފުވެރިކަމުގެ އެންމެ އުހަށް ފޯރުކޮށްދިނީ މި ދީނެވެ. މި ދީނަކީ ޞައްޙަ ސާފު ޢަޤީދާއެކެވެ. ފުރިހަމަ އީމާންކަމެކެވެ. ޙުކުމްތައް ބަޔާންކޮށްދިނީ މި ދީނެވެ. ޢަދުލުވެރިކަމާއި، ހަމަހަމަކަން ގެނެސްދީ، ޢާންމުންނާއި ޚާއްޞުންގެ ޙައްޤުތަކަށް އިޙްތިރާމުކުރާން ދަސްކޮށްދިނީ މި ދީނެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ވަނީ އަހަރެމެންގެ މަންހަޖަކީ އިސްލާމް ދީންކަމުގައި ހަދައިފި ނަމަ، ނަންހުރި މޮޅު ބަޔަކު ތަރުބިޔަތު ކުރެވޭނެ ކަމަށާއި އަދި ސުވަރުގެ ލިބުމަށްޓަކައި، ޝަހީދުވާން ކެރޭ ޖީލެއް ބިނާކުރެވޭނެ ކަމަށްވެސް ބުނެފަ އެވެ.

"މާތްﷲއަށް ކިޔަމަންގަތުމުގައި، އަހުރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި، ކުރެވޭ ކުށްތަކަކީ ދީނަށް ޚިދުމަތްކުރުމަށް ހުރި ޢުޛުރެއް ނޫނެވެ. މި ބޮޑު މަސްއޫލިއްޔަތުން ރެކެން އޮތް ބަހަނާއެއް ނޫނެވެ. އަހަރެމެންގެ ވާޖިބަކީ މި ދީނަށް ޚިދުމަތްކުރުމެވެ،" ހުތުބާގައި ބުނެފައިވެ އެވެ.