ކުރިން އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު، ފަހުން އެ ޕާޓީ އާ ވަކިވެވަޑައިގެން އެމްޑީޕީ އާ އެކު މަސައްކަތް ކުރަައްވަަމުން ގެންދަވާ ޝެއިހް ހުސައިން ރަޝީދު އެމްޑީޕީ އާ ގުޅިވަޑައިގަތުމުން އެމްޑީޕީ އަށް ނިސްބަތްވެ ވަަޑައިގަންނަވާ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެެއްވުމުން ވެރިކަން ގެއްލުނު އެމްޑީޕީ އަށް ޝެއިހް ހުސައިން ސޮއި ކުރައްވާފައި ވަނީ އެމްޑީީޕީގެ ސިޔާސީ ހަރަކާތް 2013 އަށް ފެށުމަށް މިރޭ މާލޭގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ޝެއިހް ހުސައިނަށް މަރުހަބާ ވިދާޅުވަމުން މޭޔަރުގެ އެފްބީ ޕޭޖްގައި ބުނެފައި ވަނީ "ރައްޔިތުންގެ މަންފާ އާއި ލާބަ އަށް އަދި އަދާލަތަށް މަސައްކަތް ކުރާ ޕާޓީއަކަށް ޝެއިހް ހުސައިން ރަޝީދު ސޮއި ކުރެއްވީތީ އުފާ ކުރައްވާ" ކަމަށެވެ.
މިރޭ އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު ޝެއިހް ހުސައިން ވަނީ އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެ ޕާޓީ އަށް ބަހުގެ ހަމަލާތަކެއް ވެސް ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ "ރާއްޖޭގައި ދީނީ އިލްމުވެރިން އެންމެ ގިނަ އަދާލަތު ޕާޓީއޭ ބުނުމުން ތަސައްވަރު ކުރެވެނީ ކްރިސްޓިއަން ފާދިރީން" ކަމަށް ކަމަށެވެ.
”ކީއްވެގެންތޯ ތަސައްވަރުވަނީ، ތަސައްވަރުވާ ގޮތަކީ، ފާދިރީން ބުނާނެ މީހަކު މަރުވީމަ ދޭނެ ސިޓީއެއް އޭނަގެ ސަންދޯކަށް އަޅަން، އެސިޓީލާފަ ފޮނުވާނީ އަދި މިދެންނެވި ޝީއިންގެ މުއްލާއިން ވެސް ސިޓީ ދޭނެ. މި ސިޓީ މި ދެނީ ކިހިނެއްތޯ ސުވަރުގެއިން މިވެނި ތަނެއް އޭނައަށް ދޭށޭ، ސިޓީގައި އޭނަގެ މަގާމު މަތިވާނެ ލާރިކޮޅެއްދޭ ވަރަކަށް. ލާރިކޮޅެއް ދިން ވަރަކަށް ސިޓީ މޮޅުވާނެ” ޝެއިހް ހުސައިން ވިދާޅުވި އެވެ.
އޭނާ އަދި ވަނީ ދީނާއި ގައުމަށްޓަކައި އަދާލަތު ޕާޓީ އަށް ސޮއި ކުރުން މުހިއްމު ކަމަށް އެ ޕާޓީން ދާދި ފަހުން ބުނެފައިވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.