އައްޑޫގެ ވިޔަފާރިވެރިން ކަރަންޓު ބިލްތަކުގެ މައްސަލައިގައި ކުރި މުޒާހަރާތަކަށް އެއްވެސް ދުލެއް ނުދެއްވައި، ސީދާ ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގެ އެންގުންތަކާއި އެއްގޮތަށް އަމަލު ކުރެއްވި އެކުންފުނީގެ ސަދަން ރީޖަންގެ ރީޖަނަލް ޑިރެކްޓަރ އަބްދުﷲ ޒުހެއިރަށް ޕްރޮމޯޝަން ލިބިވަޑައިގެންފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ޒުހެއިރު ވަނީ ފެނަކަ ކޯޕަރޭޝަނުގެ އެގްޒެކްޓިވް ޑިރެކްޓަރ އެއްގެ މަޤާމަށް ޕްރޮމޯޓް ކޮށްފައެވެ. ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުން ފޮނުވި ޗިޓްގެ ކޮޕީއެއް 'އައްޑޫލައިވް' އަށް ވަނީ ލިބިފައެވެ.
މާރޗް މަހުގެ ކަރަންޓު ބިލް ބޮޑު ކުރުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނާއި ދެކޮޅަށް ތަފާތު ހަރަކާތްތަކެއް ހިންގަމުން ދިޔަ ވިޔަފާރިވެރިން ވަނީ އެންމެ ފަހުން ކަރަންޓު ބިލް ދެއްކުމަށް ނިންމާފައެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި އެމީހުން ކަރަންޓު ބިލް ދައްކަން ނިންމީ "އިންސާފު ލިބެން ނެތުމުން މަޖުބޫރީ ހާލަތުގައި" ކަމަށެވެ.
" އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން އިންސާފު ލިބޭތޯ. ސަރުކާރަށް އަޑެއް ނީވުނު. ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހެޅުމުން މި އަތޮޅުގެ ޕީޕީއެމްގެ މެންބަރުން އެ ބޭރުކުރީ. ބިލް މި ދައްކަނީ މަޖުބޫރުވެގެން. " ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އުފެއްދި ސްޓިއަރިން ކޮމެޓީގެ ފަރާތުން ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.
ކުރިން އެންގުމަކާއި ނުލައި ވިޔަފާރިތަކުގެ ކަރަންޓު ބިލްތައް ފެނަކަ ކޯޕރޭޝަނުގެ ފަރާތުން ބޮޑު ކުރުމާއި ގުޅިގެން އައްޑޫގެ ވިޔަފާރިވެރިން ކަރަންޓު ބިލްތައް ކުރިން އެންގުމަކާއި ނުލައި ބޮޑުކުރި ސަބަބު ހޯދުމަށް ފެނަކަ ކޯޕަރޭޝަނުގައި އެދުމުން އެކަމަށް އެދެވޭ ޖަވާބެއް ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެންމެ ފުރަތަމަ ފެނަކަ އިން ބުނެފައި ވަނީ ކަރަންޓު ބިލްތައް ބޮޑުވެފައި ވަނީ ކަރަންޓު ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަމަށެވެ. ފެނަކައިން މިހެން ބުނެފައި ވި ނަމަވެސް ކަރަންޓު ސަބްސިޑީ އަކީ އައްޑޫގެ އެއްވެސް ރައްޔިތަކަށް ލިބެމުން އައި އެއްޗެއް ނޫނެވެ.
ވިޔަފާރިވެރިން ބުނާ ގޮތުގައި އެމީހުން ފެނަކަ އާއި ދެކޮޅަށް މުޒާހަރާއަށް ނިކުތީ، ކުރިން އެންގުމަކާއި ނުލައި ކަރަންޓު ބިލް ބޮޑު ކުރީ ކީއްވެގެން ކަން އޮޅުން ފިލުވުމަށް ފޮނުވި ސިޓީތަކަށް ޖަވާބުދޭން ފެނަކަ އިން ދެކޮޅު ހެދުމާއި ގުޅިގެން ކަމަށެވެ. ވިޔަފާރިވެރިން ބުނާގޮތުގައި ޚިދުމަތަށް ނަގާ އަގު ކުރިން އެންގުމަކާއި ނުލައި ބޮޑެއް ނުކުރެވޭނެއެވެ.
ކަރަންޓުގެ މައްސަލަ ވިޔަފާރިވެރިން ކޯޓަށް ހުށަހެޅުމުން އެންމެ ފުރަތަމަ ކޯޓުން ވަނީ ބައެއް ވިޔަފާރިތަކަށް ކަރަންޓު ގުޅައި ދިނުމުގެ ވަގުތީ އަމުރެއް ނެރެފައެވެ. އެހެން ނަމަވެސް ފަހުން ހިތަދޫ ކޯޓަށް ގެނައި އިދާރީ ބަދަލުތަކަކަށް ފަހު އެ ކޯޓުން ނިންމާފައިވަނީ ކަރަންޓު ކަނޑާލުމުގެ ބާރު ފެނަކަ ކޯޕަރޭޝަނަށް ލިބިގެންވާ ކަމަށެވެ. މީގެ އިތުރުން ކަރަންޓުގެ މައްސަލައިގައި ފެނަކަ އާޢި ދެކޮޅަށް އަމުރު ނެރުއްވި މެޖިސްޓްރޭޓްގެ މައްސަލަ ބެލުމަށް ދާދި ފަހުން ޖޭއެސްސީގެ ޓީމެއް އައްޑޫ އަށް އައިސްފައިވެއެވެ.