އައްޑޫ ސިޓީ މަރަދޫފޭދޫ ހޭޅިފަށުގައި ކުޑަ ކުއްޖަކު ވަޅުލާފައި އޮއްވާ ފެނުނު މައްސަލާގައި، އެކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ދައުލަތުން އުފުލި ދައުވާއާއި ގުޅިގެން ހެކިބަސް ނަގައިފިއެވެ.
އެމައްސަލާގައި ދައުވާ ކުރަނީ އެ ކުއްޖާގެ މަންމަ މަރަދޫ، ޝޭމްރޮކް އުމުރުން 20 އަހަރުގެ އައިމިނަތު ޝާހީ އާލަމް އާއި އޭނާގެ ފިރިމީހާ މަރަދޫފޭދޫ، ފިނިފެންމާގޭ އުމުރުން 26 އަހަރުގެ އިބްރާހިމް ވިޝާމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި އެމައްސަލައާއި ގުޅިގެން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ދައުވާ ހުށައަޅަމުން ވަނީ، މަރަދޫފޭދޫ ހޭޅިފަށު ސަރަހައްދުގައި ވަޅުލާފައި އޮތްވާ ފެނުނު ކުއްޖަކީ ޝާހީ އާލަމް އާއި އިބްރާހިމް ވިޝާމްގެ ދެމަފިރިންގެ ދަރިއެއްކަމަށް ތަހުގީގުގައި އެ ދެ މީހުންވެސް އެއްބަސްވެފައިވާ ކަމަށެވެ.
އެގޮތުން، ކުއްޖާ ބަނޑުގައި އޮތްވާ މަރާލުމަށް “އެބޯރޝަން” ބޭސް ކައިފައިވާކަމަށް ތަހުގީގުގައި ޝާހީ އެއްބަސްވެފައިވާ ކަމަށާއި އެބޭސް ކެއީވެސް ފިރިމީހާގެ ރުހުމާއެކު ކަމަށް ވެސް އެއްބަސްވެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރީ އެކުއްޖަކީ ބޭނުންވެގެން ލިބުނު ކުއްޖަކަށް ނުވާތީ ކަމަށް ވެސް ބުނެފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ،
ނަމަވެސް ޝާހީ ބުނީ ބޭސް ކައިފައިވަނީ ކުއްޖާ ވައްޓާލަން ނޫން ކަމަށާއި ބޭސްކެއީ ބަނޑުގައި ރިއްސާތީ ކަމަށާއި، އެބޭސް ދީފައިވަނީވެސް އެރަށުގައި ބޭރު މީހަކު ހިންގާ އަމިއްލަ ކްލިނިކެއްގެ ޑޮކްޓަރެއް ކަމަށެވެ.
އަދި ކުއްޖާ ވިހޭތަނުން ހޭނެތުނު ކަމަށާއި ހޭއެރިއިރު ކުއްޖާ އޮތީ ކޮތަޅަކަށް ލާފައިކަމުން ކުއްޖާ ފެނިފައިނުވާ ކަމަށްވެސް ޝާހީ ކޯޓުގައި ބުނެފައިވާއިރު ދައުލަތުން ކުރި ދައުވާ އަށް މި ދެ މީހުންވެސް ވަނީ އިންކާރުކޮށްފައެވެ. ޝާހީގެ ފިރިމީހާ ވިޝާމް ވަނީ ފުލުހުން ތަހުގީގުގައި ނަގާފައިވާ ބަޔާނަކީ އޭނާގެ ބަޔާނެއް ނޫން ކަމަށް ބުނެފައެވެ،