Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ކާތަކެތި ތައްޔާރުކުރާ ތަނަކުން ދެ ބިދޭސީއަކު އަތުލައިގެންފި

ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަނަކުން ގަވައިދާ ހިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއެއް އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރުކުރަމުންދާކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިއްޔެ ދެތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި ރެއިޑުގައި ބަލައި ފާސްކުރި ދެވަނަ ތަނުގައި ޑެލިވެރީއަށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި ކަމާގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއެކު މިތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަުން ބުނެފައިވަނީ މި ރެއިޑުގައި 02 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ހާއްސަ މަސައްކަތެއް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ. އަދި މިގޮތަށް އަތުލައިގަންނަ ބިދޭސީން ދަނީ ޑީޕޯޓް ކުރަމުންނެވެ.