ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދީ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ރޮނާލްޑޯ ކަމަށްވާއިރު، މި މަހު ކުޅޭ ޔޫއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ޕޯޗުގަލް އިން ނެގި ސްކޮޑުގައި ވެސް ރޮނާލްޑޯ ހިމަނާފައިވެ އެވެ. އެ މެޗުތަކުގައި ޕޯޗުގަލް ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި ސްކޮޓްލޭންޑާ އެވެ.
ނޭޝަންސް ލީގުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ވަގުތު ޖެހުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށާއި އެއީ ނިންމަން އުނދަގޫ ވާނެ ނިންމުމެއް ވެސް ނޫން ކަމަށެވެ. އަދި ޓީމަށް އެންމެ އެކަށީގެންވާ ގޮތެއްގައި އެހީ ނުވެވޭ ކަމުގެ އިހުސާސް ކުރެވޭ ހިސާބުން އެންމެ ފުރަތަމަ ވެސް ޓީމާއި ދުރަށް ދާނީ އޭނާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
އެންމެފަހުން ބޭއްވި ޔޫރޯގައި ޕޯޗުގަލް އަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ އެކު ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އޭރު ވެސް ނެތް ކަމަށް ރޮނާލްޑޯ ބުންޏެވެ.
ޔޫރޯ އަށް ފަހު ޕޯޗުގަލް ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ ،41، ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލާފަ އެވެ.
ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 212 މެޗު ކުޅެދީ 130 ގޯލު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ ޕޯޗުގަލް ޓީމާއެކު ޔޫރޯ އަދި ނޭޝަންސް ލީގެއް ކާމިޔާބުކޮށްފަ އެވެ.