Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ނެޝަނަލް ސިންގަލް ވިންޑޯގެ ފުރަތަމަ ފިޔަވަހި އިފްތިތާހުކޮށްފި

ވިޔަފާރިވެރިންނާ ޚިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން" ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާޙު ކޮށްދެއްވައިފި އެވެ.

ނައިބު ރައީސް މި ޕްލެޓްފޯމު އިފުތިތާޙް ކޮށްދެއްވީ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ރަސްމީގޮތުން އިފުތިތާޙްކުރުމަށް މިއަދު ހެނދުނު ޖެން މޯލްޑިވްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެ އެވެ. މިއީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމުކުރި ޕޯޓަލެކެވެ.

މި ޕްލެޓްފޯމުގެ ބޭނުން ރަސްމީގޮތުން ކުރަން ފެށުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ފަހުކޮޅުގަ އެވެ.

ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އަދި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.