ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން މިއަދު ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެވެ.
އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އަމިއްލައަށް ރާވާ، ބަހައްޓާ، 10 ހާސް ޓަނުގެ މި ތާނގީއަކީ، މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީ އެވެ. މި ތާނގީގެ މަސައްކަތްތައް ނިމުމާއިއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،000 ޓަނަށް އިތުރުވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.
މި މަަަސައްކަތް އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާއިރު، މި މަޝްރޫއަށް 34.7 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، މިކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ އެވެ.
ގްރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީ އިން، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފަ އެވެ. ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެ ކުންފުނިން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކައުކުރާ އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.