Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އުތުރުގެ މެރިޓައިމް ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓެއް

އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް މިއަދު ލޯންޗު ކޮށްފި އެވެ.

މި ވެބްސައިޓު ލޯންޗުކޮށްދެއްވީ ޕްރިންސިޕަލް ސެކެކްރަޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމެވެ.

އިންޓާނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތާ އެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ހިދުމަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފޯރުކޮށްދޭނީ އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ގެ ނަމުގަ އެވެ.

އެ ވެބްސައިޓުން އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މައުލޫމާތާއި އަދި އެކި ހިދުމަތްތައް ފޯރުކޮށްދޭ އޭޖެންޓުންގެ މައުލޫމާތުތައް ވެސް ލިބޭނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ އުތުރުގައި މެރިޓައިމް ހިދުމަތްތައް އަލަށް ފަށާއިރު، ހިދުމަތްތައް ފުރިހަމަކޮށްދީ، އެ ސަރަހައްދަށް އުޅަނދުތައް އަންނާނެ ސަބަބެއް އުފައްދަން ޖެހޭ ކަމަށެވެ. އަދި މި ވެބްސައިޓްގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގައި މި ހިދުމަތްތައް ބައިނަލްއަގްވާމީ މާކެޓަށް ހުޅުވާލެވޭނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

"އުޅަނދުތައް ހިދުމަތް ހޯދަން އަންނާނީ ހިދުމަތްތައް ފުރިހަމަވެގެން އަލަށް ފަށާއިރު ވެސް ހިދުމަތްތައް ފުރިހަމަ ކޮށްދޭން ޖެހޭ. އަޅުގަނޑުމެން މިކަން މިކުރަނީ އުޅަނދު ފަހަރު ރާއްޖެއަށް ފިއުލް ބަންކަރިން ނުވަތަ އެހެން ހިދުމަތެއް ހޯދަންވެސް އަންނާނެ ސަބަބެއް އުފެއްދުމަށް،" ސީއީއޯ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި މެރިޓައިމް ދާއިރާ ވަރަށް ބޮޑަށް ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޖީހު ވަނީ ވިދާޅުވެފަ އެވެ.