ފާއިތުވި ދެ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން 61 މީހަކު ޝަހީދުކޮށްލައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުން ފާއިތުވި ދެ ދުވަހު ވަނީ ގާޒާގެ ރެފިއުޖީ ކޭމްޕްތަކާއި ހާލުގައި ޖެހިފައި ތިބި މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ ސްކޫލްތަކަށް ވައިގެ ހަމަލާތައް ދީފަ އެވެ. އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލުން ފާއިތުވި މަސްތަކުގައި ހާލުގައި ޖެހިފައި ތިބޭ މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ ސްކޫލްތައް ވައިގެ ހަމަލާތައް ދިނުން އިތުރުކޮށްފައިވާއިރު، އިޒްރޭލުން ބުނާގޮތުން އެފަދަ ސްކޫލްތަކުގައި ހަމާސް ޖަމާއަތުން އަންނަނީ ހަމަލާތައް ރާވައި އަދި ހަތިޔާރު ރައްކާ ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް ހެއްކެއް އިޒްރޭލަށް ދެއްކިފައެއް ނުވެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި 40،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.