ކުވެއިތުގައި ބާއްވާ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ގުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފި އެވެ.
ކުވައިތު އިންޓަރނޭޝަނަލް ޕްރައިޒް އޮފްދަ ހޮލީ ޤުރްއާން މުބާރާތް އޮންނާނީ ނޮވެންބަރު މަހުގެ 13 އިން 20 އަށެވެ.
ގުރުއާނާ ބެހޭ މަރުކަޒުން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާއިރު، މުބާރާތުގެ 3 ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
ބައިވެރިވުމުގެ އާއްމު ޝަރުތަތައް:
1- ފިރިހެނަކަށްވުން.
2- ދިވެހި ރައްޔިތަކަށްވުން.
3- ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުން.
4- ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.
ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ހާއްސަ ޝަރުތު:
1- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން. (މި ކެޓެގަރީގައި ބައިވެރިވެވޭނީ މުބާރާތް ފެށޭ ތާރީޚަށް ޢުމުރުން 13 އަހަރު ފުރި، 25 އަހަރު ނުފުރޭ ބައިވެރިންނަށެވެ. ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ބައިވެރިއަކަށް ވާންވާނެއެވެ.)
2- ތަރްތީލުން ދިގުރާގަށް ތަޖުވީދުގެ ހަމަތަކާއެކު ޤުރްއާން ބަލައިގެން ކިޔެވުން. (މި ކެޓެގަރީގައި ބައިވެރިވެވޭނީ މުބާރާތް ފެށޭ ތާރީޚަށް ޢުމުރުން 18 އަހަރު ފުރި، 40 އަހަރު ނުފުރޭ ބައިވެރިންނަށެވެ. މި ކެޓެގަރީގައި ކިޔެވޭނީ ތަޙްޤީޤް {ލަސްލަހުން ތަރުތީލުކޮށް، ތަޖުވީދުގެ ހަމަތަކާއެކު މަޤާމާތަށް} އަށެވެ. އަދި ޤުރްއާން ބަލައިގެން ކޮންމެ ތަނަކުން ދެއްކިނަމަވެސް ފަރިތަކަމާއެކު ކިޔަވަން އެނގެންވާނެއެވެ.)
3- ކުޑަކުދިންނަށް ހާއްސަ ކެޓެގަރީ. (މި ކެޓެގަރީގައި ބައިވެރިވެވޭނީ މުބާރާތް ފެށޭ ތާރީޚަށް ޢުމުރުން 8 އަހަރު ފުރި، 12 އަހަރު ނުފުރޭ ބައިވެރިންނަށެވެ. ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ބައިވެރިއަކަށް ވާންވާނެއެވެ.)
މި މުބާރާތަށް ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އިމްތިހާނު ކުރުމަށްފަހު ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން ބުނެ އެވެ،
މި މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ އަދި ފުރަތަމަ ކެޓެގަރީ އާއި ތިންވަނަ ކެޓެގަރީގައި ބައިވެރިވާނަމަ ޙާފިޡު ކަމުގެ ސަނަދު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.