Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބަންކަރިން ފަށަން ބޭނުންކުރާ ފުރަތަމަ ބޯޓު ރާއްޖެއަށް

އުތުރުގައި ބަންކަރިން ހިދުމަތް ފަށަން އެސްޓީއޯ އިން ގެންނަ ފުރަތަމަ ބޯޓު ރާއްޖެ އަތުވެއްޖެ އެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމަށް ރާއްޖެއަށް ގެންނަނީ 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ކަމަށްވާއިރު، މީގެތެރެއިން ފުރަތަމަ ބޯޓު މިހާރު ވަނީ ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފަ އެވެ. ދެވަނަ ބޯޓު އަންނަ ބުދަ ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި ބަންކަރިން ހިދުމަތް ދެނީ ހަކަތައިގެ ވިޔަފާރި ކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލް އިންނެވެ.

އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް އުތުރުގައި ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އެމްޕީއެލްއިން ބުނިގޮތުގައި އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ފަށާ ދުވަހުން ފެށިގެން އެމްޕީއެލްއިން ވެސް އިތުރު ޚިދުމަތްތައް ފޯރުކޮށްދޭން ފަށާނެ އެވެ. މީގެ ތެރޭގައި ބޯޓުފަހަރަށް ތެލުގެ ޚިދުމަތުގެ އިތުރުން ފެނާއި، ކާބޯތަކެތި އަދި ބޯޓުފަހަރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހިމެނެ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރު ކަމަށްވާއިރު ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ޢިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.