Last Updated: July 25, 20:39
Saturday, July 26, 2025
ކުޅިވަރު

އަމާޒު ހިފަންވީ އޭޝިއަން ގޭމްސްގެ މެޑަލްއަކަށް

އެތުލެޓިކްސްގެ އަމާޒު މިހާރު ހިފަންވީ އޭޝިއަން ގޭމްސްގެ މެޑަލްއަކަށް ކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ރާފިއު މިހެން ވިދާޅުވީ ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޤައުމީ ޖޫނިއާ އެތުލެޓިކްސް ޓީމާއެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ މި މަހުގެ 11 އިން 13 އަށް އިންޑިއާގެ ޗެންނާއީގަ އެވެ. މި މުބާރާތުގައި ސާކްގެ ހަތަރު ގައުމަކުން 276 އެތުލީޓުން ވާދަކުރާނެ އެވެ.

އެތުލީޓުންނާ ބައްދަލުކުރައްވާ ވަޒީރު ވަނީ ޒުވާން އެތުލީޓުންނަށް ހިތްވަރު ދެއްވައި، ހުރިހާ އެތުލީޓުންވެސް ކުޅިވަރުގެ ރިވެތި އަޙުލާޤާއިއެކު ކުރިއަށްދިޔުމަށް އެދިފަ އެވެ.

ވަޒީރު ރާފިޢު ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްއިން އެތުލެޓިކްސް އިން މެޑަލް ހޯދާފައިވާތީ މިހާރު އަމާޒު ހިފަންވީ އޭޝިއަން ގޭމްސްއަށް ކަަމަށެވެ. މިދިޔަ 20އަކަށް އަހަރަށް ބަލާއިރު އެތުލެޓިކްސް އިން ބޮޑު ކުރިއެރުމެއް ހޯދައިފިކަމަށާއި، ނަތީޖާތަކާއި ހޯދާފައިވާ މެޑަލްތަކުން އެކަން ފެންނަން އެބަހުރިކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަކީ އެތުލެޓިކްސްގެ ތާރީޚުގައި ފުރަތަމަ މެޑަލް ހޯދި މުބާރާތެވެ. މިގޮތުން 2007ވަނަ އަހަރު ސްރީލަންކާގައި އޮތް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ރިލޭ ޓީމުން ހަތަރު ލޯ މެޑަލް ހޯދި އެވެ.