ޙާފިޡުން ޢުމްރާއަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން ޢުމްރާއަށް ފޮނުވާ ދެވަނަ ޙާފިޡަކަށް، އަލްޙާފިޡް އާސިރު އާރިފް ޔޫސުފް ހަމަޖައްސައިފި އެވެ.
އަލްޙާފިޡް އާސިރު އާރިފް ޔޫސުފަށް މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަން އިއުލާންކުރީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
މި މަޝްރޫޢުގެ ދަށުން ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޡަކީ، އަލްޙާފިޡް އަލީ ރައީފް އެވެ. ރަޢީފަށް ވަނީ މިކަމުގެ ލިޔުންވެސް އަރުވާފަ އެވެ.
ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއުއެއް ފެށުމަށް ހަމަޖެހިފައިވާކަން މިނިސްޓަރު ޝަހީމް އިޢުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ. މިއީ ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ.
މިފަދަ ޕްރޮގްރާމެއް ފަށާފައިވާއިރު ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.