Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް މި އަހަރުގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަކަށް ބީއެމްއެލްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ބީއެމްއެލުން ބުނީ، މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވަނަ ދުވަހެވެ.