ލައިސެންސް ލިބެންދެން "ފަޒީސް ހިޖާމާ ތެރަޕީ" ޚިދުމަތް ހުއްޓާލުމަށް ހެލްތު މިނިސްޓްރީން އަންގައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ޚިދުމަތް ހުއްޓާލުމަށް ފަޒީލާ ޢުޘްމާން އަށް އަންގާފައިވަނީ މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާ އަށް ބަލާ އޭނާއާއި ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގެ ޚިދުމަތް ދިނުމަށް އެންގުމަށް ފަހު ކަމަށެވެ.
" ފަޒީސް ހިޖާމާ ތެރަޕީ" ގެ ނަމުގައި ސޯޝަލް މިޑިއާގައި ޞިއްހީ ޚިދުމަތުގެ ގޮތުގައި ކޮށްފައިވާ އިޝްތިހާރުތަކަކީ ވެސް މިނިސްޓްރީގެ ހުއްދަލިބިގެން މެނުވީ ނުކުރެވޭނެ ކަންކަން ކަމަށްވާތީ އެފަދަ އިޝްތިހާރުތައްވެސް ނެގުމަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ސޯޝަލް މިޑިއާގައި ބަލިމީހުންގެ މެޑިކަލް ރިޕޯޓް ތަކުގެ މަޢުލޫމާތަކީ އެންމެ ރައްކާތެރި އަދި ޞައްޙަ މަޢުލޫމާތުކަން ކަށަވަރު ނުވާތީ އެފަދަ ރިޕޯޓްތައްވެސް ސޯޝަލް މީޑިއާއިން ނެގުމަށް ވެސް ވަނީ އަންގާފަ އެވެ.
އަދި ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ނުނަގައި އެ ޚިދުމަތް ދެމުން ގެންދާނަމަ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ލިބިގެންދާ ބާރުގެ ދަށުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ފަޒީލާ އަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ޞިއްޙީ ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހުށަހަޅައިގެން އެ ޚިދުމަތަށް ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ހޯދުމަށްފަހު ނޫނީ ހިޖާމާގެ ޚިދުމަތް ނުދިނުމަށް 2019 ވަނަ އަހަރުވެސް ފަޒީލާ އަށް ހެލްތު މިނިސްޓްރީން ވަނީ އަންގާފަ އެވެ.