Last Updated: May 6, 21:15
Tuesday, May 6, 2025
ޚަބަރު

ފަތިސް ނަމާދު ޕްރޮގްރާމްގެ ބައިވެރިންނަށް ބައިސްކަލް ދީފި

މެދުކެނޑުމެއް ނެތި 40 ރޭ ޖަމާއަތުގައި ފަތިސް ނަމާދު ކުރަން ހާއްސަ ކުރި ޕްރޮގްރާމް ފުރިހަމަކުރި 38 ކުއްޖަކަށް ހއ. އިހަވަންދޫގައި ބައިސްކަލް ހަދިޔާކޮށްދި އެވެ.

މިއީ އެ ރަށު "މަސްޖިދު ތަޢާވުނު" ގެ އިމާމު ހުސައިން ރަޝީދު އިސް ނަގައިން ދަރިވަރުންގެ ހިތްތަކުގައި ނަމާދަށް، ހާއްސަކޮށް ފަތިސް ނަމާދު ކުރަން ބާރު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ޕްރޮގްރާމުގައި ޖުމްލަ 64 ދަރިވަރުން ބައިވެރިވި ނަމަވެސް ވައްޓާނުލައި 40 ރޭ ފަތިސް ނަމާދުކުރީ އޭގެ ތެރެއިން 38 ކުއްޖެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޤުރުއާން ކިޔެވުމާއި ހިތުން ދަސްކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ހުސައިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ދީނީ ކަންކަމަށް ކުދިންގެ ހިތުގައި ލޯބި ޖެއްސުމަށް ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަންގި ގޮވައި ޖަމާއަތުގައި ނަމާދު ކުރުމަށް ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ވެސް ވަރަށް އަވަހަށް ފަށަން އޮތީ ނިންމައިފަ އެވެ.