Last Updated: June 24, 10:10
Tuesday, June 24, 2025
ކުޅިވަރު

ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު ބިލިއަނަކަށް

ސޯޝަލް މީޑިއާގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު އެއް ބިލިއަނަށް އަރައިފި އެވެ.

ރޮނާލްޑޯ ،39، އަކީ ސޯޝަލް މީޑިއާގެ ފޮލޯވަރުންގެ އަދަދު ބިލިއަނަކަށް އެރި ފުރަތަމަ ފަރާތެވެ. ރޮނާލްޑޯ ވަނީ އޭނާ އަށް އިތުބާރުކޮށް، ހުރިހާ ފޮލޯވަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ރޮނާލްޑޯގެ ފޮލޯވަރުން އެންމެ ގިނައީ އިންސްޓަގްރާމްގަ އެވެ. އެގޮތުން އިންސްޓަގްރާމްގައި ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު އުޅެނީ 639 މިލިއަންގަ އެވެ. ފޭސްބުކްގައި ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު 170.5 މިލިއަންގައި އުޅޭއިރު، އެކްސްގައި 113 މިލިއަން ފޮލޯވަރުން އެބަ ތިއްބެވެ.

ރޮނާލްޑޯ ދާދިފަހުން ޔޫޓިއުބް ޗެނަލެއް ވެސް ހަދާފައިވާއިރު، އެ ޗެނަލް ހެދިތާ ފުރަތަމަ ހަފްތާތެރޭ 50 މިލިއަން މީހުން ވަނީ އެ ޗެނަލަށް ސަބްސްކްރައިބްކޮށްފަ އެވެ. އެ ޗެނަލްގެ ސަބްސްކްރައިބަރުންގެ ގޮތުގައި މިވަގުތު 60.4 މީހުން އެބަ ތިއްބެވެ.

ރޮނާލްޑޯ ދާދިފަހުން ވަނީ ކެރިއަރުގައި 900 ގޯލު ހަމަކޮށްފަ އެވެ. އޭނާ އަކީ ކެރިއަރުގައި 900 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާކަން ފާހަގަކޮށްލެވެ އެވެ.

ކާމިޔާބު 20 އަހަރުވީ ކެރިއަރުގައި ރޮނާލްޑޯ ވަނީ ފަސް ކްލަބަކަށް ކުޅެފަ އެވެ. އެގޮތުން ސްޕޯޓިން ލިޒްބަން އަށް ފަސް ގޯލާއި ރެއާލް މެޑްރިޑަށް 450 ގޯލާއި މެންޗެސްޓާ ޔުނައިޓެޑަށް 145 ގޯލާއި އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް 101 ގޯލުގެ އިތުރުން ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަސްރަށް 68 ގޯލު ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްދީފަ އެވެ.

ރޮނާލްޑޯ އަކީ ޕޯޗުގަލް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް އޮތް ކުޅުންތެރިޔާ އެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ވަނީ 132 ގޯލު ކާމިޔާބުކޮށްދީފަ އެވެ.