މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުން މުހިއްމު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މާތް اللهގެ ނަބިއްޔާ އައްޔޫބް އަލައިހިއްސަލާމްގެ ހަޔާތްޕުޅަށް ހާއްސަކޮށްފައިވާ ހުކުރު ހުތުބާގައި ބުނީ އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އެއް ފިލާވަޅަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިއްމުކަން ކަމަށެވެ. އެގޮތުން ޝިފާލިބުމާއި، ކާމިޔާބުލިބުން ވަނީ ﷲގެ ހަޟުރަތުން ކަމަށާއި ކެތްތެރިވެ ސާބިތުކަމާ އެކު ދެމިހުރެއްޖެ ނަމަ ލިބޭ ކާމިޔާބުގެ މަތިވެރިކަމަކީ ވެސް އައްޔޫބްގެފާނުގެ ވާހަކައިން ލިބޭ ފިޅާވަޅެއް ކަމަށް ބުނެފައިވެ އެވެ.
އަދި އެކަލޭގެފާނުގެ މުޅި ހަށިކޮޅުގެ ހުރިހައި ގުނަވަންތަކެއް ވޭނާއި ކެކުޅުމުގައި ވީ ހިނދު ވެސް އެކަލޭގެފާނު ﷲއަށް ޛިކުރުކުރުމާއި އަޅުކަން ކުރުމުގައި ދެމި އޮންނެވިކަން ފާހަގަކޮށްފައިވެ އެވެ.
"އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދުކުރުމާއި އަދި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ ފެޔަށް ޖެހުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލައި، އެކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެކެވެ. އަދި ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަނީ މަދެއްކޮށެއްނޫނެވެ،" ހުތުބާގައި ބުންޏެވެ.
ދުނިޔޭގެ ޙަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ ﷲގެ ސުންނަތެއް ކަމަށާއި އެއީ އެކަލާނގެ އިރާދަފުޅު ކަމަށްވެސް ބުނެފައިވެ އެވެ. މާތްﷲ اއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުޢާކުރުމާ އެކުގައި ކަމަށްވެސް ހުތުބާގައި ބުންޏެވެ.