ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގދ. ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފެނަކަ އިން ދޮގުކޮށްފި އެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތިނަދޫން ފެނުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް އާ ފެން ޕްލާންޓެއް ހޯދުމަށް، އެމްޑަބްލިއުއެސްސީއަށާއި ސްޓެލްކޯއަށް އެ ކުންފުނީގެ ފަރާތުން ހުށަހެޅި ކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްްސީން އެކަމަށް 5 ހަފްތާ ހޭދަވާނެ ކަމަށާއި އަދި ސްޓެލްކޯއިން 180 ދުވަސް ހޭދަވާނެ ކަމަށް އަންގާފައިވާތީ، އެ ކުންފުނީގެ ވެންޑަރުންގެ ތެރެއިން އެ ހިދުމަތް ދޭ އަމިއްލަ ހުރިހާ ކުންފުނިތަކަށް އާރްއެފްކިޔު (ރިކުއެސްޓް ފޯ ކުއޯޓް) ކުރެވުނު ކަމަށް ފެނަކަ އިން ބުނެ އެވެ.
މިގޮތަށް ދެ ފަހަރަށް ފުރުސަތު ދެވުމުން ވެސް އެކަމަށް އެދި ކޯޓޭޝަން ހުށައެޅީ އެންމެ ފަރާތަކުން ކަމަށާއި އެފަރާތާއެކު އެއްބަސްވުމެއް ގާއިމު ކުރުމުގެ ކުރިން، ހުށައަޅާފައިވާ އަގާއި މެދު މަޝްވަރާކޮށް އަގު ކުޑަކުރެވިފައިވާ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.
"މި ފެން ޕްލާންޓް ހޯދުމުގައި އަމަލުކޮށްފައިވާނީ މި ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިން، ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަވެގެން ކަމުގައި ދަންނަވަން. ފެން ޕްލާންޓް އިންސްޓޯލް ކުރެވޭނީ، އޭގައި ހިމެނެން ޖެހޭ ހުރިހާ ބައިތަކެއް ފުރިހަމަ ވެގެން ކަމުގައި ވެސް ދަންނަވަން،" ފެނަކައިގެ ބަޔާނުގައިވެ އެވެ.
ފެން ޕްލާންޓް ތިނަދޫ ސިޓީގައި އިންސްޓޯލް ކުރެވުމުން 600 ޓަނުގެ ފެން އުފެއްދޭނެ ކަމަށް ވެސް ފެނަކައިން ބުނެ އެވެ.
މީގެއިތުރުން ފެނަކައިން ވަނީ އެ ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށް، ސިޔާސީ ފަރާތްތަކުން ރަށުތެރޭގައި ހަލަބޮލިކަން އުފެއްދުމަށާއި، ހިދުމަތަށް ބުރޫ އަރާފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ތިނަދޫގައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވިޔަ ނުދޭނެ ކަމަށް ވެސް ބުނެފަ އެވެ.