އިނގިރޭސި ޕްރިމިއާ ލީގުގެ ވާދަވެރި ކްލަބުތަކުން ބޭނުން ވަނީ މެންޗެސްޓާ ސިޓީ އަށް އަދަބު ދޭތަން ބަލަން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފި އެވެ.
މެންޗެސްޓާ ސިޓީން 2009-2018 އާ ދެމެދު ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ގުޅޭ ކަންކަމާ ހިލާފުވެފައިވާ 115 މައްސަލައެއްގެ އަޑުއެހުންތައް އަންނަ ހޯމަ ދުވަހު ފެށުމަށް ވަނީ ނިންމާފަ އެވެ. މި މައްސަލަ ބެލުމަށް ނިންމާފައިވަނީ މިނިވަން ކޮމިޝަނަކުން ކަމަށްވާއިރު ސިޓީން ވަނީ ހުރިހާ ތުހުމުތަކަކަށް އިންކާރުކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑްއާ ދެކޮޅަށް ސިޓީން ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ ލީގުގައި ތިބި ވާދަވެރި ކްލަބުތަކުން ބޭނުން ވަނީ ސިޓީ އަށް އަދަބު ދޭން ކަމަށާއި ނަމަވެސް މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ނިންމާ ނިންމުމަކަށް އެ ކްލަބުތަކުން އިހަށް މަޑުކޮށްލަންޖެހޭ ކަމަށެވެ.
ޒަމާނީ ޑިމޮކްރެސީގައި އިންސާފަކީ އޮންނަ އެއްޗެއް ކަމަށާއި ސިޓީން ގޯހެއް ހަދާފައި ނުވާކަމަށް ގަބޫލުކުރާ ކަމަށްވެސް ގާޑިޔޯލާ ބުންޏެވެ.
އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައިވެސް ބަލާ އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ބެލެވޭ މި މައްސަލައިގެ އަޑުއެހުންތައް 10 ހަފްތާ އަށް ދިގު ދެމިގެންދާނެ ކަމަށް ބެލެވެ އެވެ. އެގޮތުން މި މައްސަލައިގައި ނިންމާ ގޮތެއް އެނގޭ ވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މެންޗެސްޓާ ސިޓީ އަކީ ފާއިތުވި ހަތަރު އަހަރުގެ ވެސް ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނެވެ.