Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ބުރުނީގެ ކުރީގެ ސިއްހީ މަރުކަޒު ގެސްޓް ހައުސްއަކަށް

ތ. ބުރުނީގައި ކުރިން ސިއްހީ މަރުކަޒު ހިންގި އިމާރާތުގައި ގެސްޓްހައުސްއެއް ހިންގަން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 6 އާ ހަމައަށް ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލަން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 26 އާ ހަމައަށެވެ.

ބީލަމުގައި ބައިވެރިވާން 2،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަނޭޅޭނެ އެވެ. އަދި ބީލަން ހުށަހެޅޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 ގައި ބުރުނީ ކައުންސިލް އިދާރާގައި އޮންނާނެ އެވެ. އަދި އިތުރު މައުލޫމާތު ނަމްބަރު 606780038 އާއި މި މެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.