Last Updated: July 3, 18:27
Friday, July 3, 2026
ޚަބަރު

"ނަޝީދުގެ ވެރިކަން ވެއްޓުމުގެ ޒިންމާ ތަލްހަތާއި އަފީފް ނަންގަވަން ޖެހޭނެ"

ވެރިކަން ބަދަލުވި ދުވަހު ޠަލްހަރާއި، ޖަލީލް އަދި އިބްރާހިމް ދީދީ. ފޮޓޯ/ ބުއްގީ ފޮޓޯގްރަފީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ވަނަ ދުވަހު ވެއްޓުމުގެ ޒިންމާ އޭރުގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހީމު ކަލޭފާނާއި ހޯމް މިނިސްޓަރު ހަސަން އަފީފު ނަންގަވަން ޖެހޭނެ ކަމަށް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ރިޓަޔާޑް ބްރިގޭޑިއަ ޖެނެރަލް އިބްރާހީމްދީދީ ވިދާޅުވެއްޖެއެ ވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އިބްރާހިމް ދީދީ އާއި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބްރާހިމްދީދީ ވިދާޅުވީ ކްރިމިނަލް ކޯޓްގެ އިސްގަޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކޮށް ގިރިފުށީގައި ބަހައްޓާފައި ހުރުމުން މާލޭގެ
މަސްލަހަތު ގެއްލެމުން ދިއުމުގެ އިތުރުން ދައުލަތަށާއި ސަރުކާރަށް އެއްވެސް ފައިދާއެއް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އެފަރާތަކަށް ނަސޭހަތްތެރިވި ކަމަށެވެ.

ައައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭ އެމްވީކޭގެ ދެކުނުގެ ޓްރާންސްޕޯޓް ޑައިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމްދީދީ ވިދާޅުވީ އެ ނަސޭހަތްތައް އެބޭފުޅުން ގަބޫލުނުކުރައްވާ ކަމަށާއި ކަންކަން ގޯސް ވަމުން ދިޔަ އިރު ވެސް ތަލްހަތާއި އަފީފު އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާފައި ނުވާ ކަމަށެވެ. އަދި އެކަން ނުކުރެވި ދިޔައީ ތަލްހަތުގެ ނާގާބިލުކަމުން ނުވަތަ ގަސްތުގައި އެކަންކަމަށް އިހުމާލުވީ ކަމަށް އިބްރާހިމް ދީދީ ތުހުމަތު ކުރެއްވިއެވެ.

އިބްރާހީމްދީދީ ވިދާޅުވީ 17 ޖެނުއަރީން ފެށިގެން 6 ފެބްރުއަރީ އާ ހަމައަށް ކޮންމެ ރެއަކު މާލޭގައި ބޮޑެތި މުޒާހަރާ ކުރަމުން ދިޔައިރު އެކަން ފުލުހުންނަށް ކޮންޓްރޯލް ނުކުރެވިގެން ސިފައިން ފޮނުވަން ޖެހުނު ކަމަށެވެ.

ނަމަވެސް ކުރިން މުޒާހަރާތަކަށް ނިކުމެ ތިބި މީހުނަށް ވުރެ ފެބްރުއަރީ އަށްވަނަ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވެފައި ތިބި މީހުން ގިނަވެފައި އެމީހުންތައް ފުލުހުން ކޮންޓްރޯލް ކުރި ގޮތާއި މެދު ސުވާލު އުފެދޭ ކަމަށް ވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ.