Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބާޒާރުގައި މިއަދުން ފެށިގެން ފިޔާ ލިބެން ހުންނާނެ

ބާޒާރުގައި މިއަދުން ފެށިގެން ފިޔާ ލިބެން ހުންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

ވަޖީހު ވިދާޅުވީ މި ދުވަސްކޮޅު މާލޭ މާކެޓުގައި ފިޔާ މަދުވެގެން އުޅޭ ސަބަބަކީ، އިންޑިޔާ އަށް މޫސުން ގޯސް ވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުން ތަކާއެކު، އިންޑިޔާއިން ފިޔާ އެކުސްޕޯޓު ކުރުމަށް ޝޯޓޭޖެއް އުޅޭތީކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށެވެ. މި ޝޯޓޭޖް އުޅެނީ ހަމަ އެކަނި ރާއްޖެ އަށް އެކަނި ނޫންކަމަށާއި އަވަށްޓެރި ސްރީލަންކާ އަށްވެސް އިންޑިޔާއިން ފިޔާ އިމްޕޯޓު ކުރުމުގައި ދަތި ތަކެއް ކުރިމަތިވެފައިވާކަމަށް ވަޖީހު ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެމުން އެބަ ގެންދޭ. އެގޮތުން އިންޑިޔާއިން އައި 2 ބޯޓު ކަމަށްވާ ބުލޫހާ (ބޯޓުން) އިން 2980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން 3300 ބަސްތާ، ޖުމުލަ 6280 ބަސްތާ ފިޔާ މިއަދު މާލޭ މާކެޓަށް ނެރެމުން އެބަ ގެންދޭ،" ވަޖީހު ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިޔާއިން މާދަމާ މާލެ ވަންނަ ބޯޓުންވެސް 3300 ބަސްތާ ފިޔާ، މާލޭ ބާޒާރަށްް ނެރޭނެ ކަމަށާއި މިދިޔަ ބުދަ ދުވަހު ހިތަދޫ ރީޖަނަލް ޕޯޓަށް ދިޔަ ކާގޯ ބޯޓުންވެސް އައްޑޫ ސިޓީގެ ބާޒާރަށް 1180 ބަސްތާ ފިޔާ ނެރެފައިވާކަމަށްވެސް ވަޖީހު ވިދާޅުވި އެވެ.

އިންޑިޔާގެ މޫސުން ގޯސްވާ ބައެއްފަހަރު، ދަނޑުތަކަށް ލިބޭ ގެއްލުން ތަކުގެ ސަބަބުން، މާކެޓަށް ނެރޭ ފިޔާ މަދުވުމަކީ، ދޭތެރެ ދޭތެރެ ދިމާވަމުން އަންނަ ކަމެއް ކަމަށާއި ފިޔާ ލިބުން ދަތިވުމުން މާކެޓުގައި އަގު މައްޗަށް ދިއުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެއްކަމަށްވެސް ވިދާޅުވި އެވެ.